މިދިޔަ އޯގަސްޓު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ތިން މަސް ދުވަހުގެ ތެރޭގައި ބޭންކު އެކައުންޓެއް ހުޅުވަން އޮތް މުއްދަތު ހަ މަހަށް އިތުރުކޮށް ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ބިދޭސީ މުވައްޒަފުން ބޭންކު އެކައުންޓެއް ހުޅުވަން މަޖުބޫރުކޮށް ވަޒީފާއާ ބެހޭ ގާނޫނަށް މަޖިލީހުން މިދިޔަ އޯގަސްޓު މަހުގެ 17 ވަނަ ދުވަހު ވަނީ އިސްލާހު ގެނެސްފަ އެވެ.

މަޖިލީހުން ފާސްކޮށް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައިވާ ބިލުގައި ބުނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ވޯކު ވީޒާ ލިބިފައިވާ ބިދޭސީންނަށާއި ވޯކް ވީޒާ ލިބިގެން މެނުވީ ރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީ މުވައްޒަފަކަށް ވަޒީފާ ދޭ ފަރާތުން ސާވިސް ޗާޖު އަދި މުސާރައިގެ ގޮތުގައި ދެވޭ އެއްވެސް ފައިސާގެ އަދަދެއް ދޭންވާނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހުއްދަ ލިބިފައިވާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ހުޅުވިފައިވާ ބޭންކު އެކައުންޓެއް މެދުވެރިކޮށް ކަމަށެވެ.

ބިދޭސީ މުވައްޒަފެއްގެ ނަމުގައި ބޭންކު އެކައުންޓެއް ހުޅުވުމަށް ގާނޫނުން އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތު ވަޒީފާ ދޭ ފަރާތުން ދޭންޖެހޭނެ ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ތިންމަސް ދުވަހުގެ ތެރޭގައި ބޭންކު އެކައުންޓެއް ހުޅުވަން އޮތް މުއްދަތު ހަމަސް ދުވަހަށް އިތުރުކުރަން ހުށަހަޅާ ކަމަށެވެ.

ފައިސަލް ވިދާޅުވީ އެގޮތަށް އެ މާއްދާއަށް އިސްލާހު ހުށަހެޅުއްވީ ތިންމަސް ދުވަހުގެ ތެރޭގައި ބޭންކު އެކައުންޓެއް ހުޅުވަން ޖެހޭނެ ކަމަށް ބުނެ ގާނޫނަށް އިސްލާހު ގެނައުމުން ބިދޭސީ މުވައްޒަފުންނަށް ވަޒީފާދޭ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ އެތައް ބިދޭސީންތަކެއް ރާއްޖޭގެ ފަޅުރަށްތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގާ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއިން ކޮންމެ ރަށެއްގައި ބޭންކުގެ ބުރާންޗުތައް ނުހުރެދާނެ ކަމަށެވެ.