މެންޗަސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާގެ ހުށިޔާރު ސޭވު ތަކާއެކު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު 0-0ގެ ނަތީޖާ އަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭގެ ނަތީޖާއާ އެކު ލިވަޕޫލަށް ވަނީ ލީގުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފައެވެ. ޖުމްލަ 17 ޕޮއިންޓާއި އެކު ލިވަޕޫލް އޮތީ ހަތަރު ވަނާގައެވެ. އެއްވަނާގައި އޮތް މެންޗަސްޓާ ސިޓީ އަށް ލިބެނީ 19 ޕޮއިންޓެވެ. ޔުނައިޓެޑް އޮތީ 14 ޕޮއިންޓާއި އެކު ލީގްގެ ހަތް ވަނާގައެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު އެމެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބް ނުކުރެވުނު އެމެޗުގައި ލިވަޕޫލްގެ ގިނަ ހަމަލާތަކެއް ޑެހެޔާ ވަނީ މަތަކޮށްފައެވެ.

ޑިފެންސިވް ކުޅުމެއް ޔުނައިޓެޑްގެ ފަރާތުން ފެނުނު ނަމަވެސް އެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން މުޅި މެޗުގައި ވެސް ގޯލު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޔުނައިޓެޑްގެ ޒަލްޓަން އިބްރަހިމޮވިޗްއަށެވެ. ނަމަވެސް ޕައުލް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިބްރަހިމޮވިޗު ޖެހި ބޯޅަ ދިޔައީ ލިވަޕޫލްގެ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މެންޔޫގެ ކޯޗު ބުނީ ނަތީޖާއާ މެދު ހިތް ހަމަ ނުޖެހުނު ނަމަވެސް އެ ޓީމްގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ތައުރީފު ހައްގު ކުޅުމެއް ކަމަށެވެ.

ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އަވޭ މެޗެގައި ޕޮއިންޓަކުން ފަރުޖައްސާލުމުން ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.