ވިލިމާލެއިން ހިލަ އާއި ހިލަވެލި ބަރުކޮށްގެން މަނިޔަފުއްޓަށް ދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައި އަޑިއަށް ހިނގައްޖެ އެވެ.

ތިން މީހުންނާއެކު ދަތުރުކަމުންދަނިކޮށް އަޑިއަށް ދިޔައީ "ރަންދި" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނި ތިބި ދެ ދިވެހިންނާއި ބިދޭސީ މީހާ ވަނީ ސަލާމަކޮށްފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ ރަންދި ދޯނި އަޑިއަށް ދިޔައީ އެނބޫރޫ ފަރަށް އެރުމުން ކަމަށާއި ދެފެންދޭތެރޭ އެ ދޯނި އޮތް ކަމަށެވެ.

އެ ދޯނި އަޑިއަށް ދިޔުމާ ގުޅިގެން ދޯނީގައި ހުރި މުދަލާއި ސާމާނު އޮޔާދާނެތީވެ، އެސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނީ މި ދުވަސްވަރަކީ، ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުގަދަ ދުވަސްވަރަކަށް ވުމާއެކު މުދާ ބަރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމާއި މޫސުމަށް ބައްލަވައިގެން ދަތުރުކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.