18 Oct 2016, 10:06
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކޮށްގެން އުޅޭ ޑޮނަލްޑް ޓްރަމްޕް އަށް ލިބުނު ފަދަ "ބޮނޑި"އެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ލިބިއްޖެ އެވެ. އަންހެނުންނަށް ދެރަވާ ގޮތަށް ޓުރަމްޕް ދެއްކެވި ވާހަކައަކުން އޭނާ ބޭޒާރުވެ ތާއިދު ދަނީ ގެއްލެމުންނެވެ. އުމަރު ނަސީރު އެފަދަ ކަމެއް ކުރައްވާފައި މި ވަނީ އެމަނިކުފާނުގެ ރަސްމީ ޓުވިޓާ އެކައުންޓްގަ އެވެ.
އުމަރު އިއްޔެ ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ބަނގުރަލާ، އަންހެނުން އަދި މުއްސަދިކަމަކީ ރަނގަޅު މީހުން ނުބައި ކުރާ ތިން ކަންތައް ކަމަށެވެ. ރަލާ ހުރެ ރައީސަކު އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ކަމަށާއި މުއްސަނދިކަމާހެދި ރައީސަކު ސިޔާސީ ގޮތުން ކަނުވެފައިވާ ކަމަށް އުމަރުގެ ޓްވީޓުގައި ވަނީ ވިދާޅުވެ އެވެ.

އުމަރަށް "މަލާމާތް" ރައްދުވި ދެ ޓްވީޓު، އޭނާ ވަނީ އެ ޓްވީޓުތައް ޑިލީޓް ކުރައްވާފައި--
އެ ޓުވީޓާއެކު ގިނަ ބައެއް ރުޅިގަދަވި އެވެ. މީހުން ނުބައިކުރާ ސަބަބުތަކުގެ ތެރެއަށް އަންހެނުން ހިމެނުއްވީތީ އެވެ. ރައީސް މައުމޫންގެ ދަރިކަލުން ޔުމްނާ މައުމޫން ވެސް ވަނީ އުމަރަށް ފާޅުގައި ފާޑުވިދާޅުވެފަ އެވެ. ޔުމްނާ އާއި އުމަރަކީ ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގައި ރައީސް މައުމޫނާއެކު ތިއްބެވި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން ދަނީ ފާޅުގައި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް އުމަރު ކުރެއްވި ޓްވީޓަކާއެކު އުމްނާގެ ނުރުހުން ވެސް ވަނީ އުމަރާ އަމާޒުވެފަ އެވެ.
އެ ޓުވީޓުގައި ޖިންސީ ތަފާތުކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ. މީހުން ނުބައި ކުރަނީ އަންހެނުން ނޫން ކަމަށާއި ފިރިހެނުންނަށް ވެސް މީހުން ނުބައި ކުރެވޭނެ ކަމަށް ވިދާޅުވެ ޔުމްނާ ވިދާޅުވީ އެންމެން ވެސް މަސައްކަތްކުރަންވީ ރަނގަޅުވެ ރަނގަޅުކުރަން އެހީތެރިވުމަށް ކަމަށެވެ.
ކޮންމެ އަކަސް ފާޑުކިޔުންތައް އޮހިގެންގޮސް ކެތްނުވާ ހިސާބަށް ދިއުމުން އުމަރު ކުރެއްވި ޓުވީޓް ވަނީ ނަންގަވާފަ އެވެ.
އުމަރާއި ސިޔާސީ ގޮތުން ވާދަވެރި ރައީސް އަބްދުﷲ ޔާމީން އާއި ރައީސް މައުމޫން އާއި ދެބަސްވެފައިވާ ދަނޑިވަޅުގައި ފުރުސަތު ބޭނުން ހިފަންވިތާ އުމަރަށް މިވަނީ ގޯހެއް ހެދިފައެވެ. ޖިންސީ ތަފާތު ކުރުންތައް ގެންގުޅޭކަމުގެ ތުހުމަތުކޮށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. އުމަރަށް ވެސް މިވީ ޓުރަމްޕަށްވީވަރެވެ.