ބުބަނޭޝްވަރު (އޮކްޓޯބަރު 18): އިންޑިއާގެ އޮޑީޝާ ސްޓޭޓުގެ ބުބަނޭޝްވަރު ސިޓީގައި ހުންނަ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް އެންޑް ސަމް ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި ރޯވުމުގެ ސަބަބުން 19 މީހަކު މަރުވެއްޖެ އެވެ.

އަލިފާން ރޯވާން މެދުވެރިވީ ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ޑައެލެސިސް ވޯޑުގައި ކަރަންޓް ޝޯޓެއް ދިމާވުމުން ކަމަށް ފުލުހުން ލަފާ ކުރެ އެވެ. އަދި އަލިފާންގަނޑު ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންޓެންސިވް ކެއާ ޔުނިޓަށާއި ހަތަރު ފަންގިފިލާގެ މުޅި އިމާރާތައް ފެތުރިފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ހޮސްޕިޓަލުން ސަލާމަތްވި ބަލިމީހުން ވަނީ ބުބަނޭޝްވަރުގެ ކެޕިޓަލް ހޮސްޕިޓަލަށާއި އޭއެމްއާރުއައި ހޮސްޕިޓަލަށާއި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އޭއައިއައިއެމްއެސް)އަށް ބަދަލުކޮށްފަ އެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން 14 މީހަކު ކެޕިޓަލް ހޮސްޕިޓަލުގައި މަރުވެފައިވާ އިރު ފަސް މީހަކު މަރުވެފައި ވަނީ އޭއެމްއާރުއައި ހޮސްޕިޓަލުގައި ކަމަށް އޮފިޝަލުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ސަމް ހޮސްޕިޓަލުން ވަނީ ތިން މުވައްޒަފުން ސަސްޕެންޑުކޮށް، މައްސަލަ ބަލަން ހޮސްޕިޓަލުގެ ކޮމިޓީއެއް އައްޔަންކޮށްފަ އެވެ.

އަދި އޮޑީޝާގެ ޗީފް މިނިސްޓަރު ނަވީން ޕަޓްނިކް ވަނީ ހޮސްޕިޓަލުން ސަލާމަތްވި ބަލި މީހުންނަށް ޒިޔާރަތް ކުރައްވާ، އެ މީހުންނަށް ހިލޭ ބޭސް ފަރުވާ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެނާ ވަނީ އެހާދިސާ ތަހުގީގު ކުރުމަށް އަންގަވާފަ އެވެ. (އިންޑިއަންއެކްސްޕްރެސް)