18 Oct 2016, 09:07
ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްގެން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ރާއްޖެއިން ނޮމިނޭޓްވެފައިވާ ފަރާތްތަކަށް ފަނޑިޔާރުކަން ކުރަން ފަނޑިޔާރުންގެ ޓީމު އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
ސްރީ ލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސް އާ ގުޅިގެން މިއަހަރު ބާއްވާ ސަޓާ އެވޯޑްސްގެ ނޮމިނީސް އަށް ފަނޑިޔާރުކަން ކުރާނީ ރާއްޖެ އާއި އިންޑިއާ އަދި ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައި ތިއްބެވި މާހިރުންގެ ޕެނަލަކުންނެވެ.
ކޮންމެ ގައުމަކުން އެވޯޑަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށް ފަނޑިޔާރުކަން ކުރާނީ އެ ގައުމެއްގައެވެ. އެގޮތުން ފަނޑިޔާރުކަން ކުރަން ފުރަތަމަ ފަށާނީ ރާއްޖޭންނެވެ.
އެވޯޑް ދިނުމުގައި އޮންލައިންކޮށް ލިބޭ ވޯޓުގެ 50 ޕަސެންޓާއި ތަޖުރިބާކާރު ފަނޑިޔާރުންގެ ޓީމަކުން ފަނޑިޔާރުކަންކޮށް ބާކީ 50 ޕަސެންޓް މާކްސް ދޭނެ އެވެ. އަދި މިހާރު ވަނީ އޮންލައިންކޮށް ނޮމިނީސްއަށް ވޯޓު ދިނުމަށް ހުޅުވާލި ފުރުސަތު ނިމިފަ އެވެ.
ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒް އިން އިންތިޒާމު ކުރާ މިއަހަރުގެ ސަޓާ އެވޯޑާ ގުޅޭ ގޮތުން އެ ކުންފުނީގެ ޑިރެކްޓަރު އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ، ރާއްޖޭގެ ޕްރެޒެންޓޭޝަންތަކަށް ފަނޑިޔާރުކަން ކުރަން ފަށާނީ މިއަދު ކަމަށެވެ.
އެގޮތުން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ފަނޑިޔާރުކަންކުރުން ކުރިއަށްގެންދަން ނިންމާފައިވާއިރު، ރާއްޖޭގެ ފަރާތުން އެވޯޑަށް ނޮމިނޭޓްވި ފަރާތްތަކުގެ ޕްރެޒެންޓޭޝަންތައް ކުރިއަށް ދާނީ ސަޓާގެ ހޮސްޕިޓޭލިޓީ ޕާޓްނަރަކަށް ހަމަޖައްސާފައިވާ ޗަމްޕާ ސެންޓްރަލް ހޮޓެލްގަ އެވެ.
މިއަހަރުގެ ސަޓާ އެވޯޑުގެ ގިނަ ކެޓަގަރީތަކަށް ރާއްޖޭގެ ގިނަ ފަރާތްތަކަކުން ވަނީ ނޮމިނޭޓްވެފަ އެވެ. އެގޮތުން ސަޓާ އެވޯޑުގެ ވިޒިޓާސް ޗޮއިސްގެ ނުވަ ކެޓަގަރީން އަށް ކެޓަގަރީ އަކަށް ރާއްޖެ ނޮމިނޭޓް ވެފައިވާ އިރު، ސެލްފް ނޮމިނޭޓެޑް ކެޓަގަރީގައި ހިމެނޭ 30 ކެޓަގަރީ އަކުން ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓްވެފައެވެ.
އިއްސެ ވިދާޅުވީ، ރާއްޖެއަށްފަހު ފަނޑިޔާރުންގެ ޕެނަލްތައް ދެން ދާނީ ސްރީލަންކާ އަށެވެ. އަދި އެއަށްފަހު އިންޑިއާ އަށް ފަނޑިޔާރުންގެ ޕެނަލް ދާން ހަމަޖެހިފައިވާއިރު، އެވޯޑުގެ ނޮމިނީސްއަށް ފަނޑިޔާރުކަން ކޮށް އެއްކޮށް ނިމޭނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.
މިއަހަރުގެ ސަޓާ އެވޯޑްސް 10 ސެގްމަންޓަކުން، 39 ކެޓަގަރީ އަކުން އެވޯޑް ދޭން ނިންމާފައިވާ އިރު، އެވޯޑަށް 273 ފަރާތްތަކުން ވަނީ ނޮމިނޭޓްވެފައެވެ.
ސަޓާ އަށް ނޮމިނޭޓް ކޮށްފައިވާ މަޝްހޫރު ހޮޓެލް ޗެއިންތަކުގެ ތެރޭގައި ހައިޑްއަވޭ އާއި ޖުމެއިރާ، ޕާކް ހަޔަޓް، ކޮކޯ ކަލެކްޝަން، ވިލާ ގްރޫޕް، ސަން ސިޔާމް، އަދާރަން، ކޮންސްޓެންޓް، އެޓިކަން ސެޕްންސް އާއި ލީލާ ގްރޫޕުގެ އިތުރުން ކިންގްބެރީ، ތާޖް ސަމުންދްރާ، ކާސާ ކަލެކްޝަންފަދަ އެތައް ބްރޭންޑެއް ހިމެނެއެވެ.
އަންނަ މަހުގެ 15 އަދި 16 ގައި ބާއްވަން ހަމަޖެހިފައިވާ ސަޓާ އެވޯޑްސްގެ ގާލާ އަދި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ސްރީ ލަންކާގެ އެންމެ މަޝްހޫރު އެއް ލަގްޒަރީ ހޮޓެލް ކަމަށްވާ މައުންޓް ލެވީނިއާގައި ބާއްވަން ތައްޔާރުވަމުންދާއިރު، ސަރަހައްދުގެ ބޮޑެތި ޖަމިއްޔާތަކުން ވަނީ ސަޓާ އެވޯޑްސް އެންޑޯސް ކޮށްފަ އެވެ.
އެގޮތުން، ފެޑަރޭޝަން އޮފް ޗެމްބާ އޮފް ކޮމާސް އިން ލަންކާ އާއި ކޮންފެޑަރޭޝަން އޮފް ކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ކެޓޯ) އިންޑިޔާ، އިން ބަލައިގެންފައިވާ ސަޓާ އެވޯޑުގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އާއި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ބައިވެރިވެއެވެ.
މީގެ އިތުރުން، އިންޑިޔާގެ، އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން (އޭޓީޓީއޯއައި) އާއި ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ) ގެ އިތުރުން، އިންޑިޔާގެ ތިންވަނަ އަށް އެންމެ ބޮޑު ޓޫރިޒަމް ޖަމިއްޔާ އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް އިން ޓޫރިޒަމް (އޭޕީޓީ، އިންޑިޔާ) ބައިވެރިވެއެވެ.