18 Oct 2016, 11:21
ބޭރުގެ އިންވެސްޓަރުންނަށް އިތުބާރު ހޯދައި ދެވޭފަދަ މަސައްކަތްތަކެއް ޝަރުއީ ދާއިރާ އިން ކުރަމުން އަންނަ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެވެ.
ސަތޭކައަށްވުރެ ގިނަ ބޭފުޅުންނަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާގެ ކުރިއެރުމަށް ތިން މަޝްރޫއުއެއް ކުރިއަށްގެންދާ ކަމަށެވެ.
އޭގެތެރެއިން ފުރަތަމަ މަޝްރޫއުއަކީ ރާއްޖޭގެ ސަތޭކައަށްވުރެ ގިނަ ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ވިއުގައަކުން ގުޅާލުމުގެ މަޝްރޫ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ މަޝްރޫއަށް ދީފައިވާ ނަމަކީ "ވައިޑް އޭރިއާ ނެޓްވޯކް" އެވެ.
ދެވަނަ މަޝްރޫއޫއަކީ އިލެކްޓޯނިކް ޕައިރިން ސިސްޓަމް ގާއިމްކުރުމުގެ މަޝްރޫއު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ މަޝްރޫއުގެ ތަފްސީލުތަކެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއިން ކޮންމެ މަޝްރޫއަކީ ރާއްޖެ އިގްތިސާދީ އިޖްތިމާއީ އަދި ތަރައްގީގެ އެހެނިހެން މައިދާންތަކަށް އަންނަ ބަދަލާ އެއްގޮތަށް ޝަރީއަތް ކުރުމާއި ޝަރުއީ ދާއިރާ ތަރައްގީކޮށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތެއް ކަމަށެވެ.
ހަމައެހެންމެ އެފަދަ ކޮންމެ މަޝްރޫއަކީ ހަމަހަމަ ކަމާއެކު އަދުލު އިންސާފު ކަށަވަރުކޮށްދިނުމާއި ގާނޫނުގެ ހުކުމް ކަށަވަރުކޮށްދިނުމުގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ތެރޭގައި އިންވެސްޓަރުންނަށް އިތުބާރު ހޯދައިދިނުމާއި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ފަރާތްތަކާއި ބޭރުގެ އިންވެސްޓަރުންނަށް ރޫލްއޮފް ލޯ އާއި އަދުލުއިންސާފުގެ ނިޒާމާއި ގާނޫނީ ނިޒާމްގެ ޔަގީންކަން ކަށަވަރުކޮށްދިނުމަކީ އެންމެ މުހިންމު އެއް އަސާސް،އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޮމާޝަލް ބިޒްނަސް އަދި ފައިނޭންޝަލް ދާއިރާ އަކީ ގާނޫނީ ގްރެޖްއޭޓުން ސްޕެޝަލައިސްވުމުގައި އެންމެ އިސްކަންދޭންޖެހޭ އެއް ދާއިރާ ކަމަށެވެ. އެ ދާއިރާއިން ގާނޫނީ ވަކީލުންގެ ހުނަރު އިތުރުކުރުމަށް ރާއްޖޭގެ ގާނޫނީ އަދި ޝަރުއީ ދާއިރާ އިން ގިނަ ޕްރޮގްރާމްތަކެއް ރޭވި ހިންގަން ހަމަޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ގާނޫނީ ވަކީލު ކަމުގެ ޕްރޮފެޝަނަކީ އަދުލުއިންސާފު ގާއިމްކުރުމުގައްޔާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި އަދި އަފްރާދުންގެ މިނިވަންކަމާއި ހައްގުތައް ކަށަވަރުކޮށްދީ ހައްގުތައް ދިފާއުކުރުމުގެ ޔަގީންކަން ދިނުމުގައި އަދުލުއިންސާފު ގާއިމުކުރުމުގެ ބާރާއި ބައިވެރިވާ މިނިވަން އަދި މުސްތަގިއްލު ޕްރޮފެޝަނެއް ކަމުން ރާއްޖޭގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނީ ވަކީލު ކަމަކީ ހަމައެކަނި މާއްދީ މަންފާތަކަށް ނުވަތަ އާމްދަނީ އިތުރު ކުރުމަށްޓަކައި ކުރާ މަސައްކަތެއް ނޫން ކަމަށާއި އެއީ ހައްގުތައް ހިމާޔަތްކުރުމުގެ ހުވަޔާއި ވައުދާއި އަހުދުގެ މަތިން އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކު އަދާކުރަންޖެހޭ ޕްރޮފެޝަނަލް މަސްއޫލިއްޔަތެއްކަން ކޮންމެ ވަކީލަކު ވެސް ހަނދާން ކުރަންޖެހޭނެ ކަމަށެވެ.
މުވައްކިލްގެ ހައްގު ދިފާއުކުރަން މަސައްކަތް ކުރާއިރު، އެ މައްސަލާގައި ގެއްލުން ލިބުނު ފަރާތާ މެދު ވެސް ނުހައްގުން ބޭއިންސާފުން ކަންކަން ނުކުރުމަށް ފަރުވާތެރިވާން ޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
"ހަމައެހެންމެ ވަކީލުންގެ އިޚުއްވަތުގައި ހިމެނޭ އެއްވެސް ވަކީލަކު އަމިއްލަ ނަމަށާއި ލީގަލްފެރެޓާނެޓީގެ ނަމަށް ހުތުރުވާފަދަ އަދި އިތުބާރަށް ބުރޫއަރާފަދަ ކަމެއް ކޮށްގެން ނުވާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.