09 Jun 2011, 07:09
ހިފާފައިވާ ޤުދްސު : އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިޢްމާރުގެ ދަށުގައިވާ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަޤްސާ ގެ ޙަރަމްފުޅުގެ ތެރެއަށް ޔަހޫދީ ޒަޔަނިސްޓުންގެ ބަޔަކު ވަދެގަނެ މުސްލިމުންނަށް ޖެއްސުން ކުރުމުގެ ގޮތުން އެތާނގައި މުޑުދާރު ޢަމަލުތަކެއް ހިންގައިފިއެވެ.
ހިފާފައިވާ ޤުދްސުގެ ބައެއް ދާއިރާތަކާ ޙަވާލާދީ ޤުސްދު ޕްރެސް ބުނިގޮތުގައި ޒަޔަނިސްޓް ޔަހޫދީންގެ ހަރުކަށި ބައިގަނަޑެއް މާތްވެގެންވާ މަސްޖިދުލްއަޤްސާގެ ހަރަމްފުޅުގެ ތެރެއަށް ވަދެގަތީ އިސްރާއީލުގެ އިސްތިޢްމާރީ ސިފައިންގެ ޙިމާޔަތާއި ރައްކާތެރި ކަމުގައެވެ. ޒަޔަނިސްޓުންގެ އެ ބައިގަނޑު މަސްޖިދުލްއަޤްސާގެ ހަރަމްފުޅުގެ ތެރެއަށް ވަދެގަތީ ޙަރަމްފުޅުގެ ދެކުނުގައިވާ ބާބުލްމަޣާރިބާ ދޮރުކޮޅުންނެވެ.
އެދޮރުކޮޅުން ޒަޔަނިސްޓުން ވަދެގަތުމަށްފަހު ހަރަމްފުޅުގެ ޖާމިޢުލްޤިބްލީ އާއި މަރްވާނީ މުސައްލާ ސަރަހައްދުގައި ތިބެ މަޖާކޮށް ރާބޮއި މަސްތުވުމަށްފަހު ރާފުޅިތައް އެތަންތަނަށް އުކައި ހަރަމްފުޅުގެ ޙުރްމަތް ކަނޑައި އެތަށް އިރެއްވަންދެން މުޑުދާރު ޢަމަލުތަކެއް ހިންގިއެވެ.
ޒަޔަނިސްޓުންގެ މިމުޑުދާރު ޢަމަލުތައް ފެނުމާއެކު އެކަންހުއްޓުވުމަށް އެވަގުތު ހަރަމްފުޅުގައިތިބި ފަލަސްތީނުގެ މުސްލިމުން މަސައްކަތް ކުރުމުން ޒަޔަނިސްޓުންގެ ހިމާޔަތުގައި ތިބި އިސްރާއީލުގެ ފުލުުހުން ފަލަސްތީނު މީހުންނާ ކުރިމަތިލައި އެމީހުން ދުރަށްޖައްސައި އެންމެފަހުން ފަލަސްތީނު މީހުން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދިނެވެ.
މިއިންޒާރާއެކު ފަލަސްތީނު މީހުން މާތްﷲ އަށް ތަކްބީރު ކިޔައި ޔަހޫދީ ޒަޔަނިސްޓުންގެ އަޅުވެތިކަމުން މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު ސަލާމަތް ކޮށްދެއްވުމަށްއެދި މާތް ﷲ ގެ ކިބައަށް ހަރުއަޑުން ދުޢާކުރަމުން ގެންދިޔަ ކަމަށާ އެވަގުތު ޒަޔަނިސްޓުން ހަރަމްފުޅުގެ ތެރޭގައި މަސްތުވެގެން އެނބުރެމުން ދިޔަކަމަށް ޤުދްސު ޕްރެސް ބުނެއެވެ.
ޒަޔަނިސްޓު ޔަހޫދީންނަކީ ޔަހޫދީންގެ ތެރެއިންވެސް ހަރުކަށިކަމާއި އަނިޔާވެރިކަން އާދަޔާ ޚިލާފަށް ކުރިޔަށް ނެރެގެންއުޅޭ ހައްދުފަހަނަޅާފައިވާ ނުރައްކާތެރި ބައިގަނޑެކެވެ. މިދިޔަ އަންގާރަ ދުވަހުވެސް ޒަޔނިސްޓުންގެ ބައިގަނޑެއް އިސްރާއީލުގެ ޙިމާޔަތުގައިވަނީ މާތްވެގެންވާ މަސްޖިދުލްއަޤްސާގެ ޙަރަމްފުޅުގެ ތެރެއަށް ވަދެގަނެ މުސްލިމުންނަށް ޖެއްސުން ކުރުމުގެ ހަރުކަށި ޢަމަލުތަކެއް ހިންގާފައެވެ.
ޒަޔަނިސްޓް ޖަމާޢަތްތަކާއި ޒަޔަނިސްޓް މޫމެންޓްތަކުންވަނީ ތަވްރާތު ބާއްވާލެއްވި ޢީދުކަމަށް ޔަހޫދީން ފާހަގަކުރާ ދުވަސްތަކަކާ ގުޅުވައިގެން މާތްވެގެންވާ މަސްޖިދުލްއަޤްސާއަށް ވަދެގަނެ އެތަނުގެ ޙުރްމަތް ކަނޑައި މުސްްލިމުންނަށް ޖެއްސުން ކުރުމުގެ ޙަރަކާތްތަކެއް ހިންގުމަށް ޔަހޫދީންނަށް ގޮވާލާފައެވެ.
ތަވްރާތު ބާއްވާލެއްވި ޢީދުކަމަށް ޔަހޫދީން ފާހަގަކުރާ ދުވަސްތަކުގެ ތެރޭން އެންމެ ފަހު ދުވަހަކީ މިއަދެވެ.
މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެތަނެއްގެ ވަށައިގެން ބަރަކާތް ލައްވާފައިވާ މުސްލިމުންގެ ފުރަތަމަ ޤިބްލަ އަދި މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަޤްސާ، އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރުގެ ދަށަށް ދިޔައީ 1967 ގެ ހަނގުރާމައިގާ އިސްރާއީލުން ޤުދްސުގެ އިރުމަތީބައި ހިފުމާ ގުޅިގެންނެވެ.
އިސްރާއީލުންވަނީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޤަރާރުތަކަށް ގޮންޖެހުމަށްފަހު 1981 ގައި ޤުދްސުގެ އިރުމަތީ ފަޅިއާއި ޤުދްސުގެ ހުޅަނގު ފަޅި އެއްކޮށްލައި އެއީ އިސްރާއީލުގެ ދާއިމީ ވެރިރަށުގެ ގޮތުގައި ހަމަޖައްސާފައެވެ. -- ޤުދްސު ޕްރެސް