މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާފަންނު ގެއެއް ބަލައި ފާސްކުރަން ފުލުހުން އެގެއަށް ވަނުމުން، މާރާމާރީ ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މިރޭ 9:45 ހާއިރު މާފަންނުގެ ގެއަކަށް ވަންނަން އުޅުމުން އެކަމަށް ހުރަސް އަޅައި ހަތަރު ފުލުހަކަށް ހަމަލާދީފައިވާ ކަމަށެވެ.

ނަމަވެސް އެއްވެސް ފުލުހަކަށް އަނިޔާއެއް ލިބުނު ކަމެއް އަދި އެގެއިން މަސްތުވާތަކެތި ފެނުނު ކަމެއް އަދި ސާފެއް ނުވެއެވެ.

"ސަން" އަށް އިނގިފައިވާ ގޮތުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެފައިވަނީ މ. ނެދުންގެއަށެވެ.

އެގެއަށް ވަން ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި މާރާމާރީ ހިންގި ކަމަށް ތުހުމަރު ކުރެވޭ ހަތަރު މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.