ކުޑަ ފިރިހެންކުއްޖަކާ ގަދަކަމުން އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ކ. މާފުށިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޑަ ފިރިހެންކުއްޖަކާ އެއްޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މާފުށިން ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި މާފުށިން ހައްޔަރުކޮށްފައި ވަނީ، އެރަށުގައި ދިރިއުޅޭ އެހެން ރަށެއްގެ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މީހާ ހައްޔަރުކޮށްފައިވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން، ހޮނިހިރު ދުވަހުގެ ރޭ 19:50ކަންކާއިރު ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.