އެމެރިކާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޕެޕްސީ ކޯޕަރޭޝަނުން އުފައްދާ ލުއި ބުއިންތަކަށް އަޅާ ހަކުރުގެ މިންވަރު މަދުކުރަން އެ ކުންފުނިން ނިންމައިފި އެވެ.

ޕެޕްސީ ކުންފުނިން ބުނީ، އެ ކުންފުނިން އުފައްދާ ލުއި ބުއިންތަކުގައި 100 ކެލޮރީސް ނުވަތަ 330 އެމްއެލް އަކަށް އަޅާ ހަކުރުގެ މިންވަރު މަދުކުރަން ނިންމާފައިވާ ކަމަށެވެ. މިހާރު އެ ޓާގެޓް ހާސިލްވަނީ އެ ކުންފުނިން އުފައްދާ 40 ޕަސެންޓުގެ ބުއިންތަކުގަ އެވެ.

ލޯ ކެލޮރީ ނުވަތަ ސުން ކެލޮރީގެ ބުއިންތައް އިތުރުކޮށް މިހާރު ހުރި ބުއިންތައް އަލުން ފޯމިއުލޭޓް ކުރުމަށްފަހު އެ ނިންމުން ތަންފީޒު ކުރަން ޕެޕްސީ ކުންފުނިން ފަށާނީ 2025ގެ ފަހުންނެވެ. ނިންމުމުގެ ދަށުން ބުއިންތަކުގައި އެކުލެވޭ ސޯޑިއަމްގެ އަދަދާއި ސެޗުރޭޓެޑް ފެޓްގެ އަދަދުވެސް މަދުކުރާނެ އެވެ.

ޕެޕްސީ ކުންފުނިން މީގެ ކުރިން ވަނީ 2020ގެ ކުރިން އެކުންފުނިން އުފައްދާ ބައެއް ބުއިންތަކަށް އަޅާ ހަކުރުގެ މިންވަރު 25 ޕަސެންޓާ ހަމައަށް މަދުކުރާނެ ކަމަށް ބުނެފައެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނާގޮތުގައި، ފިރިހެނެއް ނަމަ ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ވެސް ބޭނުންކުރަންޖެހޭނީ 150 ކެލޮރީސް (37.5 ގްރާމްސް ނުވަތަ ނުވަ މޭޒުމަތީ ސަމްސާ)ގެ ހަކުރެވެ. އަދި އަންހެނެއް ނަމަ 100 ކެލޮރީސް (25 ގްރާމްސް ނުވަތަ ހަ މޭޒުމަތީ ސަމްސާ)ގެ ހަކުރެވެ.

ޕެޕްސީ ކުންފުނީގެ އާ އަމާޒުގެ ދަށުން ގާތްގަނޑަކަށް އިންސާނަކު ދުވާލެއްގެ މައްޗަށް ބޭނުންކުރަން ލަފާ ދީފައިވާ މިންވަރު ހަމަވެއެވެ.

އެ ނިންމުން ގެނައުމަށް ޕެޕްސީ ކުންފުނިން ނިންމާފައިވާކަން އިއުލާން މިކުރީ އެ ކުންފުންޏާ ވާދަވެރި ކޮކާކޯލާ ކުންފުނިން އުފައްދާ ލުއި ބުއިންތަކުގެ ސަބަބުން އޮބީސިޓީއާއި ޑައިބެޓިކްސްގެ މައްސަލަތައް އިތުރުވަމުންދާ ކަމަށްބުނެ ސިއްހީ މާހިރުންނާއި ސަރުކާރުތަކުން ޕްރެޝަރުކުރުމުގެ ސަބަބުންނެވެ.

އެގޮތުން ހަކުރު ގިނައިން ހުންނަ ބުއިންތައް ބުއިން މަދުކުރުމަށާއި ސިއްހީ ހާލަތު ރަނގަޅުކުރުމަށް ގިނައިން ހަކުރު ހުންނަ ބުއިންތަކުން ޓެކްސް ނެގުމަށް ފްރާންސާއި މެކްސިކޯއިން ފަށާފައިވާތީ އެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން މިމަހުގެ ތެރޭގައި ތާއީދުކޮށް، އެކަމަށް ހިތްވަރުދީފަ އެވެ.

ޕެޕްސީ ކުންފުންޏަށް އަހަރެއްގެ މައްޗަށް 63 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭއިރު، އެ އާމްދަނީގެ ތެރެއިން 12 ޕަސެންޓަކީ އެކުންފުނިން އުފައްދާ ދުނިޔޭގެ މަޝްހޫރު ކޯލާ ބްރޭންޑުން ލިބޭ ފައިދާ އެވެ.

އަދި މައުންޓަން ޑިއުފަދަ ކާބޮނޭޓެޑް ލުއި ބުއިންތަކުން 25 ޕަސެންޓް ކަވަރުކުރާއިރު، ބާކީ އާމްދަނީ ލިބެނީ އެ ކުންފުނިން އުފައްދާ ފެނާއި ޖޫހުގެ އިތުރުން ލުއި ކާނާ އިންނެވެ.