09 Jun 2011, 07:01
ތެހެރާން : އީރާނުން ރަތްކަނޑަށް ސަބްމެރިން ތަކެއް ފޮނުވައިފިއެވެ.
މިކަން ހާމަކުރަމުން އީރާނުގެ ފާރިސް ނޫސް އެޖެންސީން ބުނީ މިއީ އީރާނަށް ފާރަލަމުންދާ ޤައުމުތަކުގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުގެ ޙަރަކާތްތައް ބަލައި މޮނިޓަރ ކުރުމަށާއި ޢަސްކަރީ މަޢްލޫމާތުތައް ހޯދުމަށް ރަތްކަނޑަށް ފޮނުވި ސަބްމެރިން ތަކެއް ކަމުގައެވެ.
ރަތްކަނޑުގެ އިތުރުން ޢަދަން ކަނޑުއޮޅިއާއި ޢަރަބި ކަނޑުގައިވެސް މި ސަބްމެރިންތައް ޙަރަކާތްތެރިވާނެ ކަމަށް އީރާނުން ބުނެއެވެ. ނަމަވެސް ރަތްކަނޑަށް ފޮނުވި ސަބްމެރިންތަކުގެ ޢަދަދާއި އެސަބްމެރިންތަކުގެ ފެންވަރާއި ބާވަތްތައް އީރާނުން ހާމަ ކޮށްފައެއް ނުވެއެވެ.
އީރާނުގެ ކަނޑުގެ ސިފައިންގެ ދާއިރާތަކާ ޙަވާލާދީ އެޤައުމުގެ މީޑީޔާ ބުނިގޮތުގައި ރަތްކަނޑަށް ފޮނުވި ސަބްމެރިންތަކާއެކު އީރާނުގެ ކަނޑުގެ ސިފައިންގެ ހަތަރުވަނަ ފްލީޓްގެ ބައެއް މަނަވަރުތައްވެސް ޙަރަކާތްތެރިވާނެއެވެ. އީރާނުން ފޮނުވި ރަތްކަނޑަށް ފޮނުވި ސަބްމެރިންތައް ފުރުވާލާފައިވަނީ މިދިޔަ މޭމަހުގެ ތެރޭގައެވެ.
އީރާނުގެ ކަނޑުގެ ސިފައިންގެ ޚިދްމަތުގައި 11 ސަބްމެރިން އޮންނަ ކަމަށާއި މީގެތެރެއިން ދެ ސަބްމެރިން ފިޔަވައި އެހެން ސަބްމެރިންތަކަކީ އަމިއްލަ ޓެކްނިލޮޖީގައި އީރާނުގެ ހަތިޔާރުގެ އިންޑަސްޓްރީން އުފައްދާފައިވާ ސަބްމެރިންތައް ކަމަށް އެސޯސިއޭޓެޑް ޕްރެސް ބުނެއެވެ.
އީރާނުން ދެ ޖީލެއްގެ ސަބްމެރިން އަމިއްލަ ޓެކްނޮލޮޖީގައި ތަރައްޤީ ކޮށްފައިވެއެވެ. މީގެތެރެއިން ފުރަތަމަ ޖީލުގެ ސަބްމެރިން ތަކަކީ ޖާސޫސުކުރުމުގެ ޤާބިލްކަން ލިބިފައިވީ ނަމަވެސް ޓްރޮޕިޑޯ ފޮނުވުންފަދަ ހަނގުރާމައިގެ ޙަރަކާތްތައް ހިންގުމާއި މަނަވަރުތަކަށް ޙަމަލާދިނުމުގެ ޤާބިލްކަން ލިބިފައިވާ ތަކެއްޗެއް ނޫނެވެ.
ނަމަވެސް 2008 ގައި އީރާނުން އަލަށް އުފެއްދި ދެވަނަ ޖީލުގެސަބްމެރިން ތަކަކީ ކަނޑު އަޑިން ފޮނުވާ ރޮކެޓާއި ޓްރިޕިޑޯ ފޮނުވުމާއި މަނަވަރުތަކަށް ޙަމަލާދިނުމުގެ ޤާބިލްކަން ލިބިފައިވާ ވަރަށް ޒަމާނީ ސަބްމެރިންތަކެއް ކަމަށް ހުޅަނގުގެ ޖާސޫސީ ދާއިރާތަކާ ޙަވާލާދީ އެސޯސިއޭޓެޑް ޕްރެސް ބުނެއެވެ.
2008 ވަނަ އަހަރު އީރާނުން އުފެއްދި މިބާވަތުގެ ހަތަރު ސަބްމެރިންއަކީ ވަރަށް ތިލަ ތަންތަނުގައާއި މާކަނޑުތަކުގެ ވަރަށް ފުންމިނަށްވެސް ފީނުމުގެ ޤާބިލްކަން ލިބިފައިވާ ސަބްމެރިން ތަކެކެވެ. އީރާނުން 2008 ގައި މިހަތަރު ސަބްމެރިން ޚިދްމަތަށް ނެރުމުން އެމެރިކާއާއި އިސްރާއީލުވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.
އީރާނުގެ މިއުފެއްދުންތަކުގެ ސަބަބުން މެދުއިރުމަތީގެ ޢަސްކަރީ ބާރުގެ ތިލަފަތް އީރާނުގެ ކޮޅަށް ބަރުވެދާނެކަމެއް ކަމަށްބުނެ ތަފާތު ޖާސޫސީ ރިޕޯޓްތައް އިސްރާއީލާއި އެމެރިކާއިން އެދުވަސްވަރު ނެރެފައިވެއެވެ. -- އެސޯސިއޭޓެޑް ޕްރެސް / ޖަވާދު