މެގަޒިނެއްގެ ކަވާ ފޮޓޯއަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްޅާ ލައިގެން ހުރި ޓޮޕް ކޮޅެއްގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވަމުންދާތީ، އެކަމަށް އޭނާ މައާފަށް އެދިއްޖެއެވެ.

އެމެރިކާގެ މަޝްހޫރު މެގަޒިން އެއް ކަމަށްވާކޮން ނާސްޓް ޓްރެވެލިން މެގަޒިންގެ އިންޑިއާ އެޑިޝަންގެ ކަވާ ފޮޓޯއަކަށް ޕްރިޔަންކާ ލައިގެން ހުރި ހުދު ކުލައިގެ ޓޮޕް ކޮޅުގައި ހަތަރު ބަހެއް ލިޔެފައިވެއެވެ.

އޭގެ ތެރެއިން، އެއްތަނުން އަނެއްތަނަށް ހިޖުރަކުރާ މީހުންނާއި ރެފިއުޖީން އަދި އެއްވެސް ބަޔަކަށް ނިސަބަތް ނުވާ މީހުން ހިމެނޭ އިބާރާތް އޮންނަނީ ރޮނގު ބުރިއަކުން ކަނޑާލާފައެވެ. އަދި ހަމައެކަނި ކަނޑާނުލައި ވަނީ ދަތުރުވެރިންގެ ނަމެވެ.

ޕްރިޔަންކާގެ ޓްވީޓާ އެކައުންޓުން އެ މެގަޒިންގެ ކަވާ މިދިޔަ ހަފްތާގައި ޓްވީޓްކޮށްލުމުން، ސީރިއާގެ ރެފިއުޖީ ކާރިސާއަށް އިޝާރާތްކޮށް ގިނަ ބަޔަކު ވަނީ، ރެފިއުޖީންނަށް ވުމަކީ އެބަޔަކު އަމިއްލައަށް ކުރާ ކަމެއް ނޫން ކަމަށް ބުނެ ޕްރިޔަންކާ އަށާއި އެ މެގަޒިންއަށް ފާޑުކިޔާފައެވެ.

"މީހުންގެ ވިސްނުމަށް އަސަރުކުރީތީ ވަރަށް ބޮޑަށް މާފަށް އެދެން. އަހަންނަކީ އަބަދުވެސް ލޭބަލްސް އާ ދެކޮޅު ހަދާ މީހެއް. އަހަންނަށް ވަރަށް އަސަރުކޮށްފި އަދި ހައިރާންވެއްޖެ. ނަމަވެސް އެ މެސެޖު ވިސްނިފައި ވަނީ ނުބައިކޮށް،" އެންޑީޓީވީ ނިއުސް ޗެނަލަށް ދިން އިންޓަވިއުއެއްގައި ޗޯޕްޅާ ބުނެފައިވެއެވެ.

ޕްރިޔަންކާ ބުނީ ރެފިއުޖީންނަށް ދިމާވަމުންދާ މައްސަލަތައް އޭނާއަށް އިނގޭ ކަމަށާއި މަސައްކަތްކުރީ ރެފިއުޖީންނަށް އެހީވުމުގެ ގޮތުން މެސެޖެއް ދިނުމަށް ކަމަށެވެ.