17 Oct 2016, 17:30
ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖާއި އުމްރާންގެ އަޅުކަން އަދާކުރުމަށް ދިޔުމުގެ ފުރުސަތު އަމިއްލަ ކުންފުނިތަކަށް ވެސް ވަނީ ހުޅުވާލާފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ، އެ ކޯޕަރޭޝަންގެ ސްކީމްގައި ބައިވެރިވެވޭނީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް ނޫން ކަމަށާއި އަމިއްލަ ކުންފުނިތަކަށް ވެސް އެ ސްކީމްގައި ބައިވެރިވެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މި ސްކީމްގައި ބައިވެރިވެވޭނީ ހަމައެކަނި ސަރުކާރުގެ އިދާރާތަކަށް ނޫން. ޕްރައިވެޓް ކުންފުނިތަކުން ވެސް މި ސްކީމްގައި ބައިވެރިވެވޭގޮތަށް މިއޮތީ. އެއްވެސް ކުންފުންޏަކުން ބައިވެރިވާން ބޭނުންވާ ކަމަށްވަނީނަމަ ހަމަ ބައިވެރިވެވޭގޮތަށް މިއޮތީ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ގިނަ އަދަދެއްގެ ދިވެހީން ވަޒީފާއަދާކުރާ ރިސޯޓުތަކުން ވެސް އެ ސްކީމްގައި ބައިވެރިވަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، މުސާރައިން ފައިސާ ކަނޑާނީ މުވައްޒަފު ސްކީމްގައި ބައިވެރިވުމުން ކަމަށާއި ފައިސާ ކަނޑާނީ އެމީހަކު ބޭނުންވާ އަދަދަކުން ކަމަށެވެ. އަދި 75 ޕަސެންޓު ދައްކައި ނިމުމުން ހައްޖަށްދެވޭނެ އަހަރު އެމީހަކަށް ޔަގީންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ސްކީމްގެ އެންމެ ބޮޑު ފައިދާ އަކީ އެ މުވައްޒަފަކަށް ލިބިގެންވޭ އިޚްތިޔާރު ކިހާވަރެއްތޯ އެ މުވައްޒަފަކު އުނިކުރާނީ. މިސާލަކަށް އެއީ 500 ރުފިޔާތޯ 1000 ރުފިޔާތޯ ދޫކޮށްލެވިފައި މިއޮންނަނީ މުވައްޒަފަކަށް،" ޔާމީން ވިދާޅުވިއެވެ.
މުސާރައިން ފައިސާ ކަނޑާ އަދަދު ބޮޑުކުރަން ބޭނުންވާނަމަ އެ ފުރުސަތު ވެސް މުވައްޒަފަކަށް ލިބިގެންދާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"އޭގެއިތުރުން ވަރަށް ގިނަ ޒުވާނުން ބޭނުންފުޅެއް ނުވާނެ މައިންބަފައިން ހައްޖަށް ނުދަނީސް ހައްޖަށްދާން. ވަރަށް ގިނައިން އަޅުގަނޑުމެންނަށް އިވޭ އަޑެއް އެއީ. މި ސްކީމްގެ ތެރެއިން އެބައޮތް މުވައްޒަފަށް އެ މުވައްޒަފެއްގެ މައިންބަފައިން ނުވަތަ އަނބިދަރިން ވެސް މި ސްކީމްގެ ދަށުން ބައިވެރިކޮށްގެން މުސާރައިން އުނިކޮށްގެން ފައިސާ ހަމަޖެއްސޭނެ އިންތިޒާމް،" ޔާމީން ވިދާޅުވިއެވެ.
ވަޒީފާއަދާކުރާ ޒުވާނުން އެ ސްކީމްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
"އަޅުގަނޑު އެދެނީ ވަޒީފާ އަދާކުރާ ޒުވާނުން ހެޔޮގޮތުގައި މި ސްކީމްގެ ބޭނުންހިފުން. ސަބަބަކީ މިފަދަ ސްކީމެއްގެ ސަބަބުން ދުރާލާ ރާވައިގެން ތިބޭފުޅުންނަށް ފަސޭހައިން ހައްޖާއި އުމްރާއަށް ދެވޭނެމަގު ފަހިވެގެން އެބަދޭ،" ޔާމީން ވިދާޅުވިއެވެ.