17 Oct 2016, 17:55
އެމްވީ މެޑިކަލްސްއިން ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ފުޅާކުރުމަށް ބާއްވާ އެންމެ ބޮޑު މެޑިކަލް އެކްސްޕޯގެ އެއާލައިން ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސައިފި އެވެ.
މެޑިކަލް އެންޑް ހެލްތު އެކްސްޕޯގެ އެއާލައިން ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މޯލްޑިވިއަންގެ ހެޑް އޮފީހުގައި މިއަދު ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެ އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ މާކެޓިން މެނޭޖަރު ސަމާ ނަޝްރީން ބުޝްރީ އެވެ. އަދި އެމްވީ މެޑިކަލްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަބްދުލް ޖަލީލް ހުސައިން އެވެ.
މެޑިކަލް އެކްސްޕޯގެ އެއާލައިން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވިއަން ހަމަޖައްސާފައިވާއިރު، މޯލްޑިވިއަން އިން ވަނީ އެ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި އިނާމުތަކެއް ހުށަހަޅާފައެވެ. އެގޮތުން އެ އެކްސްޕޯ ކުރިއަށް ގެންދާ ތިން ދުވަހު، ކޮންމެ ދުވަހަކުވެސް ގުރުއަތުން ހޮވޭ ފަރާތަކަށް އިންޑިއާގެ ޗެންނާއީއަށް ދެބޭފުޅަކަށް ދެކޮޅު ޓިކެޓު ހުށަހަޅާފައިވެ އެވެ.
އަންނަ ނޮވެމްބަރު މަހުގެ 24 އިން 26 އަށް ނޭޝަނަލް އާޓް ގެލަރީގައި ބާއްވަން ނިންމާފައިވާ އެ އެކްސްޕޯގެ އަމާޒަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި އެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ހިދުމަތްތައް ދޭނެ ގޮތްތަކަށް ވިޔަފާރިތައް އަހުލުވެރި ކުރުވުމާއި، އެފަދަ ހިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް އެމްވީ މެޑިކަލްސް އިން މައުލޫމާތު ދެއެވެ.
އެމްވީ މެޑިކަލްސްއިން ބުނީ އެ އެކްސްޕޯ ވެގެންދާނީ އެކްސްޕޯގައި ބައިވެރިވާ، ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް އެ ފަރާތްތަކުންދޭ ސިއްހީ ހިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓުތަކުގެ މައުލޫމާތު ވިޔަފާރިތަކަށާއި، އާއްމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
އެމްވީ މެޑިކަލްސް އާއި އިންޑިއާގެ މެޑްލައިފް އޭޝިއާއާ ގުޅިގެން ބާއްވަން ނިންމާފައިވާ އެކްސްޕޯގައި 27 ސްޓޯލެއް ހިމެނޭއިރު، އެ ސްޓޯލްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާ ކަމަށް އެމްވީ މެޑިކަލްސް އިން ބުނެ އެވެ.
އެގޮތުން، ހޮސްޕިޓަލް އަދި ކްލިނިކްސް އާއި މެޑިކަލް ލެބްސް އަދި ފާމަސޫޓިކަލް ނުވަތަ ފާމަސީތަކުގެ އިތުރުން ބިއުޓީކެއާ އާއި ހެލްތު އިންޝުރެންސް ފިޓްނަސް ސެންޓަރުގަދަ ސިއްހީ ދާއިރާއާ ގުޅުން ހުރި ކޮންމެ ހިދުމަތެއް ދޭ ފަރާތަކަށް ވެސް އެކްސްޕޯގައި ބައިވެރިވެވޭނެ އެވެ.