17 Oct 2016, 16:37
ޖެނުއަރީ މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ނަންތައް އާންމުކުރި އިރު އެ ލިސްޓުގައި އައިޑީ ކާޑު ނަންބަރު ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު މިއަދު ވިދާޅުވީ ވޯޓާސް ލިސްޓުގައި އައިޑީ ކާޑު ނަމްބަރު ނުހިމަނާ ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމިޓީއަށް ކަނބޮޑުވުންތައް ހުށަހަޅާފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދަޅުވީ އެބޭފުޅުންގެ ޝަކުވާތައް ބަލައިގަނެފައިވާ ކަމަށެވެ. އަދި އެގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އައިޑީ ކާޑު ނަމްބަރަކީ މީހުންގެ ޒާތީ މައުލޫމާތު ތަކަށް ވާތީ ކަމަށް އަކްރަމް ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ބަދަލު ގެނައުމާމެދު މަޝްވަރާ ކުރައްވާނެ ކަމަށް އަކުރަމް ވިދާޅުވި އެވެ.
އޭގެ އިތުރުން ޕާޓީތަކަށް ފައިސާ ނުލިބުމާއި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް 14 ދުވަހުގެ މުއްދަތެއް ދިނުމަކީވެސް އެމްޑީޕީން ކަންބޮޑުވުން ފާޅުކުރި ކަންތައް ތަކެވެ. ނިޔާޒު ވިދާޅުވީ 14 ދުވަހަކީ ވަރަށް ކުރު މުއްދަތެއް ކަމަށެވެ. އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސްއިން ބުނެފައިވާ ތާރީހަކީ މިމަހުގެ 24 ވަނަ ދުވަހެވެ.
އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ލޯންޗުކުރުމަށް ހަމަޖައްސާފައިވަނީ ފެށޭ މަހުގެ ކުރީކޮޅު ކަމަށް އެ ޕާޓީން ބުންޏެވެ. އަދި ވާދަކުރާ ކެންޑިޑޭޓުންވެސް އެހާތަނުގައި އިއުލާން ކުރާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ސީދާ ތާރީހެއް ވިދާޅުވެފައެއް ނުވެ އެވެ.