ނ. މާޅެންދުއަށް ބޭނުންވާ ކޭބަލް ހޯދުމަށާއި، ހއ. އުލިގަމުގައި އިންޖީނުގެއެއް އިމާރާތްކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ދެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެ ގޮތުން މިއަދު ފުރަތަމަ ސޮއިކޮށްފައިވަނީ މާޅެންދޫގެ ކަރަންޓު ކޭބަލް އާކުރުމަަށް ކޭބަލްގަތުމުގެ އެއްބަސްވުމުގައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއެމް އެކްސްޕޯޓް ކިޔާ ކުންފުންޏަކާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 35 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 1.8 މިލިއަން ރުފިޔާ އަށެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، މާޅެންދޫއަކީ ރައްޔިތުންގެ އިންޖީނުގެ ހިންގި ދުވަސްވަރުން ފެށިގެންވެސް ވަރަށް އާދައިގެ ކޭބަލް ނެޓްވޯކެއް އަޅައިގެން ކަރަންޓު ހިދުމަތް ދެމުން އައި ރަށެއް ކަމަށެވެ. އަދި މިވަގުތު އެންމެ ބޮޑަށް ބޭނުންވާކަމަކީ އެރަށުގެ ކޭބަލް ނެޓްވޯކް ބަދަލުކުރުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ވަރަށް އަވަހަށް މާޅެންދޫގައި އާ އިންޖީނުގެއެއް އެޅުމަށް ޓެންޑާއަށް ހުށަހަޅާނެ ކަމަށެވެ.

ހއ. އުލިގަމުގައި އިންޖީނުގެއެއް އިމާރާތްކުރުމަށް ވެލްޑިންގ އެންޑް ކޮންސްޓަރަކްޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

މިއަދު ސޮއި ކުރި ދެވަނަ އެއްބަސްވުމަކީ ހއ. އުލިގަމުގައި އިންޖީނުގެއެއް އިމާރާތްކުރުމަށް ވެލްޑިންގ އެންޑް ކޮންސްޓަރަކްޝަނާ ހަވާލުކުރި އެއްބަސްވުމެވެ. އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ހަބީބެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފެވެ.

ވެލްޑިންގ އެންޑް ކޮންސްޓަރަކްޝަނާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 4.7 މިލިއަން ރުފިޔާއަށް 196 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.