17 Oct 2016, 16:25
މޫސަލް (އޮކްޓޯބަރ 17): ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުގެ އަތް ދަށުން އިރާގުގެ މޫސަލް މިނިވަން ކުރުމުގެ އޮޕަރޭޝަން އިރާގުން ފެށިތާ 12 ވަރަކަށް ގަޑީއިރު ތެރޭގައި ކުރުދީންގެ ބިޝްމަރުގާ ލަޝްކަރުގެ ސިފައިން މޫސަލްގެ ހުޅަނގުގައިވާ ވިލެޖްތަކާއި އަވަށްތަކަށް ހަލުއި ސްޕީޑެއްގައި ވަދެގެންފި އެވެ.
ބިޝްމަރުގާ ލަޝްކަރު މިހާއަވަށް ކުރިއަރައިގެން ދިޔުމާއެކު ވެސް އައިއެސް ރައްދު ހަމަލާތައް ކުޑަކަމުން އަސްކަރީ ތަޖްރިބާކާރުންނަށް މިއީ އައިއެސް ބަލިކަށިވުމުގެ ސަބަބުންކަން ނޫނީ އެ ޖަމާއަތުން ހަދާ އުކުޅެއްކަން އަދި ކަށަވަރެއް ނުކުރެވެ އެވެ. ގިނަ ތަޖުރިބާކާރުން ވިދާޅު ވަނީ އައިއެސްއިސް މިހާރު އިސްކަންދެނީ މުސަލް ސިޓީ ހިމާޔަތް ކުރުމަށް ކަމަށާއި މޫސަލްގެ ސަރަހައްދު (މޫސަލް ސިޓީގެ އިތުރުން އެރަށުގެ ވަށައިގެންވާ ވިލެޖްތަކާއި އަވަށްތައް) ހިމާޔަތް ކުރުމަށް ނޫން ކަމުގައެވެ.
އަނެއްކޮޅުން މޫސަލްގައިވާ އައިއެސްގެ ހަނގުރާމަވެރިންގެ އަދަދަކީ 5000 އާއި 11،000އާ ދެމެދުގެ އަދަދެއްކަން ޖާސޫސީ މައުލޫމާތު ތަކުން ހާމަވާއިރު އިރާގު ސިފައިންނާއި ބިޝްމަރުގާ ލަޝްކަރައި އެމެރިކާފަދަ ގައުމުތައް ގުޅިގެން މޫސަލްއަށް ހަމަލާތައް ދެމުންގެންދާއިރު މޫސަލް ސިޓީގެ ވަށައިގެންވާ ވިލެޖްތަކާއި އަވަށްތައް ހިމާޔަތް ކުރުމަށް މި ހުރިހާ ފަރާތްތަކާ ސީދާ ގޮތެއްގައި ހަނގުރާމަ ކުރުމުގެ ގާބިލްކަން އައިއެސް އަށް ލިބިގެންނުވާނެ ކަމަށް ގިނަ ތަޖުރިބާކާރުން ދެކެ އެވެ.
އައިއެސް އަކީ ހަނގުރާމައިގެ މައިދާނުގައި ނިޒާމީ ލަޝްކަރުތަކާ ހަނގުރާމަ ކުރުމުގެ ބަދަލުގައި ކާރު ބޮން ގޮއްވުމާއި އަމިއްލައަށް މަރުވެގެން ހަމަލާތައް ދިނުންފަދަ ގެރިއްލާ ހަނގުރާމައިގެ ކަންކަމުގެ ތަޖުރިބާ ލިބިފައިވާ ބައެކެވެ. އެހެންކަމުން އިރާގުން މޫސަލް މިނިވަން ކުރުމަށް ރޭ ފެށި އޮޕަރޭޝަންގެ ކުރިމަތީގައި އައިއެސްއަށް އޮތް ހަމައެކަނި ފުރުސަތަކީ ސީދާގޮތެއްގައި ހަނގުރާމަ ކުރުމުގެ ބަދަލުގައި ކާރުބޮންގޮއްވުމާއި އަމިއްލައަށް މަރުވެގެން ހަމަލާތައް ދިނުންފަދަ ގެރިއްލާ އުކުޅުތައް ބޭނުން ކުރުމެވެ.
މިކަންކަން އައިއެސް އިން ކުރާނީ ސީދާ މޫސަލް ސިޓީގެ ދިފާއުގައި ކަމަށްވެސް ވަނީ ބެލެވިފައެވެ. އިރާގުގެ އުތުރުގެ ބޮޑު ސިޓީއެއް ކަމަށްވާ މޫސަލް މިނިވަން ކުރުމުގެ އޮޕަރޭޝަން ފެށިކަން ރޭ އިޢްލާން ކުރައްވަމުން އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އަބާދީ ވަނީ މިއޮޕަރޭޝަން ކާމިޔާބު ކޮށް މުސަލް މިނިވަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ. މޫސަލް މިނިވަން ކުރެވިއްޖެނަމަ އިރާގުގައި އައިއެސް މުޅިން އިނދަޖެހޭނެއެވެ. އިރާގު ސިފައިން މީގެ ކުރިންވަނީ އައިއެސްގެ އަތްދަށުގައި އޮތް އިރާގުގެ ބޮޑު ސިޓީއެއް ކަމަށްވާ ރަމާދީ އާއި ފައްލޫޖާ ވެސް މިނިވަންކޮށް އެ ދެ ސިޓީން އައިއެސްގެ ބާރުތައް ފައްސާލުމުގައި ކާމިޔާބު ހޯދާފަ އެވެ.
މޫސަލް މިނިވަން ކުރުމުގެ އޮޕަރޭޝަންގައި އިރާގު ސިފައިންގެ އިތުރުން އިރާގުގެ ހަޝްދުއްޝައަބީ މިލީޝިޔާތަކާއި ކުރުދީންގެ ބިޝްމަރުގާ ލަޝްކަރާއި އެމެރިކާ އާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ ވައިގެ ސިފައިންވެސް ބައިވެރިވެއެވެ.
އައިއެސް ގެ އަތްދަށުން މޫސަލް މިނިވަން ކުރުމުގެ އޮޕަރޭޝަން ފެށިތާ 12 ވަރަކަށް ގަޑީއިރު ތެރޭގައި ކުރުދީންގެ ބިޝްމަރުގާ ލަޝްކަރުން މޫސަލްގެ ހުޅަނގުގައިވާ ވިލެޖްތަކާއި އަވަށްތަކަށް އަތްދަށުލުމުން އައިއެސް ގެ ހަނގުރާމަވެރިންނަށް ވީގޮތަކާމެދު ހުރިހާ ފަރާތްތަކުންވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ. މިގޮތުން އިރާގުގެ ލަޝްކަރުތަކުގެ ކުރިމަތީގައި އައިއެސްގެ ހަނގުރާމަވެރިން ފިލައިގެންދިޔައީ ކަމަށްވެސް ބައެއް ފަރާތްތަކަށް ވަނީ ހީވެފައެވެ.
ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމީހުންވަނީ ފަހުން ހަނގުރާމަ ކުރުމަށް ތައްޔާރުވުމުގެ ގޮތުން މޫސަލްގެ އެތެރޭގައިވާ އިމާރާތް ތަކުގެ އަށްވަދެގެންފައެވެ. އަދި އައިއެސް އިން އިރާގުގެ ލަޝްކަރުތަކާ ދެކޮޅަށް ކުރާނީ ގެރިއްލާ ހަނގުރާމައެވެ. (ނޫސްއެޖެންސީތައް)