ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުންނަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރެވޭނެގޮތް ހަމަޖައްސައިފިއެވެ.

މިއަދު އެލްޖީއޭގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެލްޖީއޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އޮތޯރިޓީގެ ނައިބު ރައީސް މޫސާ ނަސީރު އަހުމަދެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސްއެވެ.

އެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެލްޖީއޭގެ ކޮންމެ މުވައްޒަފަކަށް ވެސް ފަސޭހަކަމާ އެކު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

އެ ސްކީމްގައި ބައިވެރިވުމުން މުވައްޒަފުގެ މުސާރައިން އެމީހަކު ބޭނުންވާ އަދަދަކަށް ކޮންމެ މަހަކު ފައިސާ ކަނޑަމުންދާނެއެވެ.

"މި ސްކީމްގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެވޭނީ އޮފީސް މެދުވެރިކޮށް އެބޭފުޅެއްގެ މުސާރައިން ކޮންމެ މަހަކު ވެސް އެބޭފުޅަކު ކަނޑައަޅާ އަދަދެއް އުނިވަމުންގޮސް ފައިސާ ހަމަކުރެވުން. އެހެންވީމަ މިއީ ވަރަށް ފަސޭހައިން ރާވާލެވިފައިވާ ސްކީމެއް،" ޔާމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ހިމެނޭގޮތް ޖުމްލަ 32 ތަނަކުން މިހާތަނަށް އެ ސްކީމްގައި ބައިވެރިވެފައިވާ ކަމަށާއި އެ ސްކީމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުން ކަމަށެވެ.

އެލްޖީއޭ އިން އެ ސްކީމްގައި ބައިވެރިވުމަކީ ކައުންސިލްތަކުން ވެސް އެ ސްކީމްގައި ބައިވެރިވުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"ޚާއްސަކޮށް އެލްޖީއޭ އިން ބައިވެރިވުމާ އެކު ރަށްރަށުގެ ކައުންސިލް ތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ވެސް ކުރިއަށް އޮތްތަނުގައި މި ސްކީމްގައި ބައިވެރިވުމަށް މަގުފަހިވެގެން ދިޔަ ކަމެއް،" ޔާމީން ވިދާޅުވިއެވެ.