ދައުލަތުން ކުޑަކުދިން ބަލަހައްޓާ މަރުކަޒެއް ކަމަށްވާ ހުޅުމާލެ ފިޔަވަތީގައި ބަލަހައްޓަމުން ދިޔަ ފަސް މަހުގެ ތުއްތު ކުއްޖަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ވެސް އަދި ޖެންޑާ މިނިސްޓްރީން ވެސް ވަނީ އެކަން "ސަން"އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެއްވެސް ފަރާތަކުން ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިއަދު 11:14 ކަންހާއިރު ފިޔަވަތިން ފުލުހުންނަށް ރިޕޯޓް ކުރީ އެ ކުއްޖާ ނޭވާލުމުގައި ދަތިތަކެއް ކުރިމަތިވުމުންނެވެ.

ފުލުހުން އެ ވަގުތު އެމަޖެސްސީގައި އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކިއިރު އެ ކުއްޖާ ވަނީ މަރުވެފައެވެ.

ކުއްޖާ މަރުވި ސަބަބު ތަހުގީގު ކުރަމުންދާއިރު ބޭރު ފުށުން އަނިޔާއެއް ލިބިފައި ހުރި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައެއްނުވެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ މައްސަލަ ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.

ހުޅުމާލޭގައި މިއަހަރު ކުރީކޮޅު ހުޅުވި ކުޑަކުދިން ބަލަހައްޓާ މަރުކަޒުގައި 10 އަހަރުން ދަށުގެ 85 ވަރަކަށް ކުދިން އުޅެ އެވެ.

ކުޑަކުދިން ހިޔާގައި ދިރިއުޅޭ ކުދިން ފިލައިގެން ދިއުމާއި 20 ފޫޓަށް ވުރެ އުސް ފާރުމައްޗަށް އަރައިގެން އުޅޭ މައްސަލަތަކެއް ވެސް ދާދިފަހަކުން ވަނީ ފެންމަތިވެފައެވެ. އަދި އެކަން ހުއްޓުވުމަށް ޖެންޑާ މިނިސްޓްރީން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.