17 Oct 2016, 14:04
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފެންވަރު މިހާރު އޮތީ ވަރަށް ދަށުގައި ކަމަށާއި، ކުރިއަރުވަން ބޭނުންވާ ސާމާނު އަންނަ ހަފްތާގައި ލިބޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.
ޖުނައިދު އެހެން ވިދާޅުވީ އެމްޕީއެލްގައި މަސައްކަތްކުރާ މަޖޫރީންނަށް ހާއްސަކޮށް އެ ސަރަހައްދުގައި ހެދި ހިސްފަސޭހަ މައިޒާނެއް ހުޅުވުމަށް މިއަދު ހެނދުނު އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޖުނައިދު ވިދާޅުވީ، މިހާ ހިސާބަށް އައި އިރު އެ ސާމާނުތައް ނުލިބި ލަސްވީ އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހި، ޑޮކިއުމަންޓްތަކުގެ ޕްރޮސެސިން ލަސްވާތީ ކަމަށެވެ. ނަމަވެސް މިހާރު އެ ފައިސާ ހަމަޖެހި، ހަފްތާއެއްގެ ތެރޭގައި ސާމާނުތައް ޝިޕްކުރަން ފަށާނެކަމަށް ޖުނައިދު ވިދާޅުވި އެވެ.
އެމްޕީއެލްގެ ހާލަތާ ގުޅޭގޮތުން ޖުނައިދު ވިދާޅުވީ، އެތަނުގައި ބޭނުންކުރާ ގިނަ ސާމާނުތަކެއް މިހާރު ހުރީ ހަލާކުވެފައި ކަމަށެވެ. އެގޮތުން ކެރޭނު އަދި ފޯކްލިފްޓް ފަދަ ތަކެތި ހަލާކުވެފައި ހުރުމުން މަސައްކަތް ގެންދަންވާ ސްޕީޑަށް ނުގެންދެވޭ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
"އެމްޕީއެލްގެ ގިނަ އިކުއިޕްމަންޓްތައް މިހާރު ހުރީ ހަލާކުވެފައި. މަސައްކަތްތައް މިފަދަ ބަނދަރެއްގައި ގެންދަންޖެހޭ ސްޕީޑެއްގައި ނުގެންދެވޭ،. ދުވާލަކަށް 250 އަށްވުރެ ގިނަ ކޮންޓެއިނާ ކްލިއާކުރާތަނަށް ގެންދަންޖެހޭ. މިތަނުގަ ތިން ނުވަތަ ހަތަރު ދުވަހު މަޑުކުރަންޖެހޭ ބޯޓުވެސް އެބަ އޮންނަންޖެހޭ 14،15 ދުވަހު. މި ކަންކަން ހައްލުވާނީ މަސައްކަތަށް ބޭނުންވާ ސާމާނު ލިބުނީމަ،" ޖުނައިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމަ ވިޔަފާރިވެރިންނަށް ޔަގީންކަން ދެން، މިއަދު ހެނދުނު އަޅުގަނޑުމެންނަށް ލިބުނު އަޕްޑޭޓަށް ބަލާއިރު، ކުރިއަށްއޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އެމްޕީއެލްއަށް ބޭނުންވާ ސާމާނުތައް ގެނައުމުގެ މަސައްކަތް ފެށިގެންދާނެ،" ޖުނައިދު ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވީ ގައުމީ ބަނދަރާއި ރާއްޖޭގެ އިގްތިސާދު ވެސް ވަރަށް ބޮޑަށް ގުޅޭ ކަމަށެވެ. އެހެންކަމުން ބަނދަރުގެ ފެންވަރު ރަނގަޅުކޮށް މަސައްކަތްތައް އަވަހަށް ނިންމޭނެގޮތް ހަދަންޖެހޭ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
މިއަދު ހެނދުނު މަޖޫރީންނަށް ހާއްސަކޮށް ހުޅުވި ސަރަހައްދުގައި ވަނީ ކެރަމް ބޯޑާއި ރާޒުވާ އަދި ޑާޓްބޯޑް ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ގާއިމްކޮށްފަ އެވެ. ޖުނައިދު ވިދާޅުވީ މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ހިތްހަމަޖައްސައިލާނެ މާހައުލެއް އޮތުމަކީ މަސައްކަތަށް ލިބޭ އިތުރު ހަލުވި ކަމެއް ކަމަށެވެ.