މިހާރު ޕީޕީއެމްގައި ޖެހިގެން އުޅޭ މައްސަލަތަކުގައި ބައެއް ފަރާތްތަކުން ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ނިސްބަތްކުރައްވައި ދަށުދަރަޖައިގެ ބަހުން ވާހަކަފުޅު ދައްވާތީ ދެރަވާ ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްތެރޭގައި ބައިބައިވުން އުފެދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު ކުރައްވާ ބައެއް ފަރާތްތަކުން ރައީސް މައުމޫނަށް ނިސްބަތްވާގޮތަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ދަނީ ބަހުގެ ހޫނު ހަމަލާތައް ރައްދުކުރަމުންނެވެ.

އެވާހަކަތަކާ ގުޅިގެން ރޭ ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޔުމްނާ ވިދާޅުވީ އެހާ ގުޅުމެއް އޮތް ބަޔަކު މިއަދު ނުކުމެ ރައީސް މައުމޫނަށް ނިސްބަތްކޮށް ދަށުދަރަޖައިގެ ބަހުރުވައިން އެކިގޮތްގޮތަށް މުހާތަބުކޮށް ވާހަކަދައްކާތަން ފެނުނީމަ "ވަރަށް އެހެންކަހަލަ އިހުސާސްތަކެއް ކުރެވޭ" ކަމަށެވެ.

" ވަރަށް އެހެންކަހަލަ އިހުސާސްތަކެއް އަޅުގަނޑަށްވެސް ކުރެވެނީ، މިއަދު ރައީސް މައުމޫނު ވިދާޅުވިހެން އެމަނިކުފާނު ހަމަ އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން ކެމްޕޭން ކުރައްވާ އެކި ރަށްރަށަށް ދަތުރު ކުރައްވައި ކެމްޕޭން ކުރައްވައިގެން މީގެ ތެރެއިން ގިނަ ބޭފުޅުން އިންތިހާބުވެފަ ތިބީ" ޔުމްނާ

އެހުރިހާ ބޭފުޅުންނަކީވެސް ވަަރަށް ގާތްކޮށް މަސައްކަތްކުރެއްވި ބޭފުޅުން ކަމަށާއި ނަމަވެސް މިއަދު އެހެން އަމަލުކުރާތަން ފެނުނީމަ ދެރަވާކަމަށް ޔުމްނާ ވިދާޅުވި އެވެ.

"އެހެންވީމަ މިއަދު އެގޮތަށް ސީދާ ރައީސް މައުމޫނާ މުހާތަބުކޮށް ދަށުދަރަޖައިގެ ބަހުރުވައިން އެކިގޮތްގޮތަށް މުހާތަބުކޮށް ވާހަކަދައްކާތަން ފެނުނީމަ އަޅުގަނޑުމެންނަށް ވަރަށް އެހެންކަހަލަ އިހުސާސްތަކެއް ކުރެވެނީ. އަޅުގަނޑުމެންވެސް ވަރަށް ގާތްކޮށް މަސައްކަތްކުރި ބޭފުޅުން. އެހެންވީމަ މިއަދު އެހެން ފެނުނީމަ ވަރަށް ދެރަވޭ." ޔުމްނާ ވިދާޅުވި އެވެ.

ޕީޕީއެމްގައި ރައީސް މައުމޫނާ ދެކޮޅަށް ފާޅުގައި ނުކުމެވަޑައިގެން އުޅުއްވާ ބޭފުޅުންގެ އަމަލުތައް ހުންނަ ގޮތުން ހިތާމަ ކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރައީސް މައުމޫނަށް ވަފާތެރި އުމަރު ނަސީރު ވެސް ރޭ ވަނީ ވިދާޅުވެފަ އެވެ.

އުމަރު ވިދާޅުވީ އެބޭފުޅުންނަކީ އަޚުންގެ ގޮތުގައި ދެކޭ ކަމަށާއި އަދިވެސް އެބޭފުޅުންނާ އެއްކޮށް މަސައްކަތް ކުރުމަށް އުންމީދު ކުރެވޭ ކަމަށެވެ. އެބޭފުޅުންނަލީ "އިދިކޮޅު މީހުންނެއްވެސް ނޫން" ކަމަށާއި" ދުޝްމަނުންނެއްވެސް ނޫން"ކަމަށް ފާހަގަކޮށް އުމަރު ވިދާޅުވީ އެއީ"މިވަގުތު ހަމަ މަގު އޮޅި މަގުން ކައްސާލާފައި ތިބި މީހުން" މީހުން ކަމަށެވެ.

ޕީޕީއެމްގެ އޮފީހުން އުމަރު ނަސީރު ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާން ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"އެންމެ ފުރަތަމަ އަޅުގަނޑުގެ އަޚު އަބްދުއްރަހީމް އާ ބެހޭގޮތުން ދަންނަވާނީ އަބްދުއްރަހީމްއަށް ކެމްޕޭން ކޮށްދެއްވީ ރައީސް މައުމޫނުގެ ގޭގައި ޖަގަހައެއް ހައްދަވައިގެންނޭ. އެންދެރިމާގޭގައި. އަޅުގަނޑު ވަރަށް ޝަކުވާވެސް ކުރިން އެކަންތަކުގައި. އެއީ ރައީސް މައުމޫނު ކުރެއްވި އަގުހުރި މަސައްކަތްތައް"އުމަރު

އުމަރު ވިދާޅުވީ ޕީޕީއެމް ޕާލަމެމްޓްރީ ގުރޫޕުގައި ތިބި ގިނަ ބޭފުޅުން އިންތިހާބުވީ ރައީސް މައުމޫނުގެ ފޮޓޯ ދައްކައިގެން ކަމަށެވެ. ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު 24 ޕަސެންޓް ވޯޓަކީވެސް ހަމަ ސީދާ ރައީސް މައުމޫނަށް ލިބުނު އެއްޗެއް ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

"މިކަހަލަ ގާތް ބޭފުޅުން އެހެން ޕްލެޓްފޯމްއަކަށް އަރުއްވައި އެމްޑީޕީ ނުކިޔާކަހަލަ ވާހަކަ ދެއްކީމާ އަޅުގަނޑުމެންގެ ހިތައްވަރަށް ތަދުވޭ. އަޅުގަނޑުހަމަ އެބޭފުޅުންނަށް ދަންނަވަން އިނގޭތޯ އެހެން ނުހައްދަވާށޭ. އަޅުގަނޑުމެން އަދިވެސް ރައީސް ޔާމީނަށް އިހުތިރާމް ކުރަން" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ގިނަ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ ރައީސް މައުމޫނު މަސައްކަތް ކުރައްވައިގެން އިންތިހާބުވި ބޭފުޅުންކަމަށް އެމަނިކުފާނުވެސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.