ދީނީ ތަގުރީރު ދިނުމުގެ ހުއްދަ ބާތިލްކުރިކަން އަންގާފައިނުވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާގެ ބަދަލުގައި އަމިއްލައަށް ހުތުބާ ދިންކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ވަނީ ޝެއިހް އިލްޔާސްއަށް ދީފައިވާ ދީނީ ތަގުރީރު ދިނުމުގެ ހުއްދަ ބާތިލްކޮށްފައެވެ.

އެކަމާ ގުޅިގެން ޝެއިހް އިލްޔާސް މިއަދު ސަން އަށް ވިދާޅުވީ ހުއްދަ ބާތިލްކުރިކަން އަންގާފައިނުވާ ކަމަށެވެ. އެއްޗެއް ދައްނަވަން އިނގޭނީ އިސްލާމިކް މިނިސްޓްރީން ދައްކަވާ ސަބަބުތައް ބެލުމަށް ފަހު ކަމަށެވެ.

"އަޅުގަނޑަކަށް އެނގިފައެއް ނެތް ތިކަހަލަ އެއްވެސް މައުލޫމާތެއް ތިމަކާ ގުޅޭ ގޮތުން، އަޅުގަނޑު އެއްޗެކޭ ދައްނަވާނީ އަޅުގަނޑު ހުއްދަބާތިލްކޮށް އެކަމުގެ ލިޔުން ލިބުނީމަ،" ޝެއިހް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ގަބޫލު ކުރާގޮތުގައި އެ ހުތުބާގައި ޝެއިހް ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު ވާހަކަތަކެއް ދައްކަވާފަ އެވެ.

މިނިސްޓްރީ ފޮނުވާ ހުތުބާ ފިޔަވައި އެހެން ހުތުބާއެއް ކިޔުން މަނާކޮށްފައިވާއިރު އައްޑޫ ސިޓީގެ މިސްކިތެއްގައި އިލްޔާސްގެ ހުތުބާ ދެއްވީ އެމަނިކުފާން އަމިއްލަ ފުޅަށެވެ. އެ ހުތުބާގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވުން ފަދަ ބައެއް ކަން ކަމަށް އަލި އަޅުވާލެއްވި އެވެ.

ހުއްދަ ބާތިލުކުރުމާއެކު އަނބުރާ ހުއްދަ ދެންދެން ޝެއިހް އިލްޔާސް އަށް ދީނީ ދަރުސް ދެއްވައި ހުތުބާ ދެއްވައި ނުހެއްދެވޭނެ އެވެ. ހުއްދަ ހޯދެއްވުމަށް ދެން ޖެހޭނީ އަލުން ހުށައަޅަންށެވެ.