17 Oct 2016, 12:11
ރ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ކުޑަފުށި ރިސޯޓު އެންޑް ސްޕާ، މި އަހަރުގެ ފަހުކޮޅު ހުޅުވުމަށް ތައްޔާރުވަމުން އެބަ ދެ އެވެ.
މި ރިސޯޓުގައި 107 ވިލާއެއް ހުންނާނެ އެވެ. އެއީ 40 ބީޗު ވިލާ، 32 ބީޗު ޕޫލް ވިލާ، 34 ވޯޓާ ޕޫލް ވިލާގެ އިތުރުން ފްރެޒިޑެންޝަލް ސުއީޓެކެވެ.
މީގެ އިތުރުން ވޯޓާ ސްޕޯޓްސް އެންޑް ޑައިވް ސެންޓަރެއްގެ އިތުރުން، ޒަމާނީ ފެންވަރުގެ ރެސްޓޯރަންޓެއް ވެސް ކުޑަފުށީގައި ހުންނާނެއެވެ.
ކުޑަފުށި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ރ. އަތޮޅުގެ ދެ ފަޅުރަށް ކަމުގައިވާ ބޮޑުފުށި އަދި ދޮރަގަލި ކައިރީގައި އޮންނަ ކުޑަފުށި ރިސޯޓެއްގެ ގޮތުގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ އިރު، އެ ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ރިސޯޓުގެ މެނޭޖުމެންޓުން ދަނީ ކުރަމުންނެވެ.
މިއަހަރުގެ ފަހުކޮޅާ ދިމާކޮށް ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހުޅުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހުރަވަޅި މޯލްޑިވްސްއާއި، ސޮނޭވާ ޖާނީއާއި، މިލައިދޫ ރިސޯޓު ހިމެނެއެވެ.
މިއަހަރު މިހާތަނަށް ރާއްޖެއަށް މިލިޔަނަކަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. އަހަރުގެ އެއް މިލިޔަން ވަނަ ފަތުރުވެރިޔާ އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ.