ފްރާންސްގެ ޕެރިސްގައި ކުރިޔަށްދާ، ކާބޯތަކެތީގެ މައުރަޒެއްގައި ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވަމުން އެބަ ދެ އެވެ.

އިއްޔެއިން ފެށިގެން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށްދާ "ސިއަލް 2016" މައުރަޒުގައި، ދުނިޔޭގެ ކާބޯތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ، 100 އަށް ވުރެ ގިނަ ގައުމުން 7،000 އަށް ވުރެ ގިނަ ފަރާތަކުން ދަނީ ބައިވެރިވަމުންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އިތުރު މާކެޓު ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދެމެހެއްޓެނެވި މަސްވެރިކަމާއި، އެފަދަ މަސްވެރިކަމުގެ އުފެއްދުންތައް އިތުރަށް ތައާރަފު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

މިއީ ރާއްޖެއިން މި ފެއާގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި ފެއާގައި ބައިވެރިވަނީ މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި، މިފްކޯޢާއި، ހޮރައިޒަން ފިޝަރީޒްއާއި، އެންސިސް ފިޝަރީޒްގެ އިތުރުން ސީޕްރިއާ މެރިން ސީފުޑްއެވެ.