ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ފެށިތާ 10 ވަރަކަށް މިނެޓު ނުވަނީސް ޖަލްސާ މިއަދަށް ނިންމާލައިފި އެވެ.

މިއަދު ހެނދުނު 9 ޖެހުމާއެކު ޖަލްސާ ފަށުމަށްފަހު އެޖެންޑާ ވިދާޅުވުމަށްފަހު މިއަދަށް ޖަލްސާ ނިންމަވާ ލެއްވި އެވެ. ޖަލްސާ މިއަދަށް ނިންމަވާލެއްވީ 9:09 އެކެވެ.

މިއަދުގެ އެޖެންޑާ އިއުލާން ކުރައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ ސިންގަޕޫރުގެ ނޮން ރެސިޑެންސް ސަފީރުގެ މަގާމަށް ހ. މީނާޒް ހަމްދޫން އަބްދުﷲ ހަމީދު ހަމަޖެއްސުމަށްޓަކާ އޭނާއަށް ރުހުން ހޯދުމަށް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ތައިލެންޑުގައި ހުންނަވާ ނޮންރެސިޑެންސް ސަފީރު ކަމަށް މއ. ރެސްޓިން ހައުސް ފާތުމަތު އިނާޔާ ހަމަޖެއްސުމަށް ފޮނުއްވާފައިވާތީ އެ ނަން ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުއްވި ކަމަށް މަސީހު އިއުލާން ކުރެއްވި އެވެ.

ހަމައެއާއެކު ކ. ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވަޒީފާއާ ބެހޭ ގާނޫނާއި ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުންވަނީ އިއްވާފަ އެވެ.

އެއާއެކު މަޖިލިސް ޖަލްސާ ނިންމާލާފައި ވަނީ މާދަމާ ޖަލްސާއެއް ބާއްވާނެކަން އިއުލާން ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 10 ވަރަކަށް މިނެޓް ނުވަނީސް ނިންމާލާފައިވާއިރު މި ދަނޑިވަޅަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީޕީއެމް "ދެފަޅި" ވެފައިވާ ދަނޑިވަޅެކެވެ.