ކުވައިތު (އޮކްޓޯބަރ 17): ކުވައިތުގެ އަމީރު ޝައިޚް ސަބާޙުލް އަހްމަދު، ކުއްލި ގޮތަކަށް އެ ގައުމުގެ ޕާލަމެންޓް އުވާލައްވައިފި އެވެ.

ކުވައިތުގެ ރަސްމީ ދާއިރާތައް ބުނާ ގޮތުން އަމީރު ޕާލަމެންޓް އުވާލެއްވީ އެކަމަށް ވަޒީރުންގެ މަޖިލީހުން ލަފާ ދިނުމުންނެވެ. ކުވައިތުގެ ޕާލަމެންޓް އުވާލިކަން ބަޔާންކޮށް އެ ގައުމުގެ އަމީރު ސޮއި ކުރައްވައި ޝާހީ ދީވާނުން ބަޔާނެއް ނެރެފައިވަނީ ވަޒީރުންގެ މަޖިލީހުގެ އިސްތިސްނާއީ ޖަލްސާއެއް ބޭއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

ކުވައިތުގެ ސަރުކާރު އުވާނުލި ނަމަވެސް އައު ޕާލަމެންޓެއް އިންތިޚާބުކޮށް އައު ސަރުކާރެއް އުފައްދަންދެން ވަގުތީ ސަރުކާރެއްގެ ގޮތުގައި އެ ގައުމުގެ ސަރުކާރު ދެމިއޮންނާނެއެވެ. ކުވައިތުގެ ޕާލަމެންޓް ކުއްލި ގޮތަކަށް އުވާލި ސަބަބެއް އަމީރު ހާމަކުރައްވާފައެއް ނުވެއެވެ. އަދި އައު ޕާލަމެންޓެއް އެކުލަވާލުމަށް އިންތިޚާބު ބާއްވާނެ ތާރީޚެއްވެސް އަދި ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް ކުވައިތުގެ ގާނޫނު އަސާސީ ބުނާގޮތުން ޕާލަމެންޓް އުވާލާތާ ދެ މަސް ތެރޭގައި އިންތިޚާބެއްގައި ބާއްވައި އަލުން ޕާލަމެންޓެއް އެކުލަވާލަން ޖެހެއެވެ.

ކުވައިތުގެ ޕާލަމެންޓް އުވާލި މައްސަލާގައި ޕާލަމެންޓްގެ ރައީސް މަރްޒޫގުލްޣާނިމް ވިދާޅުވީ ކުރިޔަށްއޮތީ ކުވައިތަށް މާލި ގޮންޖެހުންތައް ބޮޑު ދުވަސްތަކެއް ކަމަށާ އެމަރްހަލާއާ ކުރިމަތިލުމަށްޓަކައި ރައްޔިތުންގެ ވޯޓަށްގޮސް އައުޕާލަމެންޓެއް އިންތިޚާބުކުރަން ޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމުގައެވެ. އަދި އައު ޕާލަމެންޓާއެކު އެ މަރްހަލާއާ ކުރިމަތިލުމަށްޓަކައި އައު ސަރުކާރެއްވެސް އެކުލަވާލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ކުވައިތަށްވެސްވަނީ ދިގުމުއްދަތަކަށް ތެލުގެ އަގު ދަށަށްދިޔުމުން މާލި ބޮޑެތި ދަތިތަކަކާ ކުރިމަތިވެ ބަޖެޓް ޑެފިސިޓް ވުމުގެ މައްސަލައާ ކުރިމަތިލާންޖެހިފައެވެ. ރިޕޯޓްތައް ބުނާގޮތުން ކަނޑައެޅިފައިވާ މުއްދަތަށްވުރެ ކުރިން ޕާލަމެންޓް އުވާލުމަށް އަމީރު ނިންމެވީ މާލީ ދަތިތައް ހައްލުކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކަށް ކޭންޕޭން ފުރްސަތު ކުޑަކޮށް އެމީހުން ޕާލަމެންޓަށް އިންތިޚާބުވުމުގެ ފުރްސަތު ކުޑަކުރުމަށްޓަކައެވެ.

ކުވައިތަކީ ޑިމޮކްރަސީގެ އުސޫލުތައް ނެތް ގައުމެއް ނަމަވެސް ގަލްފުގެ ގައުމުތަކުގެ ތެރޭން އިންތިޚާބުކުރި ޕާލަމެންޓެއް އޮންނަ ހަމައެކަނި ގައުމަކީ ކުވައިތެވެ. ނަމަވެސް ކުވައިތުގެ ޕާލަމެންޓަށް މާބޮޑު ބާރުތަކެއް ދީފައެއްނުވެއެވެ. އަދި ޑިމޮކްރަސީގެ އުސޫލާއެއްގޮތަށް ސިޔާސީ ޕާޓީތައް އެކުލަވާލައި ހަރަކާތްތެރިވުމުގެ ފުރްސަތެއްވެސް ކުވައިތުގައި ނޯވެއެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ އިދިކޮޅު ބޮލޮކެއް ޕާލަމެންޓްގައި އޮތުމުގެ ފުރުސަތު އެގައުމުގެ ގާނޫނު އަސާސީގައި ދީފައިވެއެވެ.

މިހާތަނަށް ނުވަފަހަރެއްގެ މަތިން ކުވައިތުގެ ޕާލަމެންޓް އުވާލާފައިވެއެވެ. މިއީޕާލަމެންޓް ކުއްލިގޮތަކަށް އުވާލި ދިހަވަނަ ފަހަރެވެ. އާންމު ގޮތެއްގައި ޕާލަމެންޓް އުވާލަނީ އަމީރު ބޭނުންވާ ގޮތްތަކަކަށް ސަރުކާރާއި ޕާލަމެންޓްގެ ކަންތައްތައް ބަދަލުކުރުމަށެވެ. 2013 ވަނަ އަހަރު ދެފަހަރެއްގެ މަތިން ކުވައިތުގެ ޕާލަމެންޓް އުވާލާފައިވެއެވެ. (ނޫސްއެޖެންސީތައް)