09 Jun 2011, 01:14
ތެހެރާން : އެމެރިކާއިން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް އީރާނުގެ ރައީސް އަޙްމަދީ ނެޖާދް ތުހުމަތު ކުރައްވައިފިއެވެ.
އީރާނުގެ ފާރިސް ނޫސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ނެޖާދް ވިދާޅުވީ އީރާނުގައި ބޮންގޮއްވުމުގެ ޢަމަލުތައް ހިންގަމުންގެންދާ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ޖުންދުﷲ ގެ ފަހަތުގައި އެމެރިކާ ވާކަމުގެ ހެކިތައް ލިބިފައިވާކަމުގައެވެ.
ޖުންދުﷲ ޖަމާޢަތުން އީރާނުގައި ހިންގާފައިވާ ބޮންގޮއްވުމާއި މީހުން މެރުމުގެ ޓެރަރިސްޓް ޙަރަކާތްތަކަށް އެމެރިކާގެ ޖާސޫސީ އަދި ފަންނީ އެހީ ލިބިފައިވާކަން އެޖަމާއަތުގެ ބައެއް މެންބަރުންގެ އިޢްތިރާފްތަކުންނާއި އީރާނުގެ ޖާސޫސީ އިދާރާގެ ހޯދުންތަކުން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނެޖާދްގެ ވާހަކާގައި ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައާއި ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އިސްރާއީލުން ހިންގާ ޓެރަރިސްޓް ޙަރަކާތްތަކަށްވެސް އެމެރިކާ ވާގިވެރިވާ ކަމަށް ތުހުމަތު ކުރެއްވިއެވެ.
އަދި އެމެރިކާގެ އަމިއްލަ ސިޔާސީ މަޤްސަދްތައް ޙާސިލް ކުރުމަށާއި ދުނިޔޭގެ ޤައުމުތަކަށް ހަންފެތުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއަށް ލިބިފައިވާ ބާރާއި ނުފޫޒު ބޭނުންކުރާ ކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށް ކުރެއްވިއެވެ.
ނެޖާދްގެ ވާހަކާގައި ޕާކިސްތާނުގެ ނިއުކްލިޔަރ މަރުކަޒުތައް ހަލާކުކޮށްލުމުގެ ސިއްރު ޕްލޭނެއް އެމެރިކާ ގެންގުޅޭ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން މިކަމުގެ ބޭނުމަކީ ޕާކިސްތާން ބަލިކަށިކޮށް އެމެރިކާގެ ނުފޫޒުގެ ދަށުގައި ޕާކިސްތާން ބޭއްވުމުގެ އިތުރުން އެމެރިކާއަށް ސަލާން ޖަހާ ޤައުމަކަށް ދާއިމީ ގޮތެއްގައި ޕާކިސްތާން ހެދުންކަމަށްވެސް ނެޖާދް ވިދާޅުވިއެވެ. -- އަލްޢާލަމް / ޖަވާދު