17 Oct 2016, 08:44
ސޮނީ ޓީވީ އިން ގެނެސްދޭ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓު (ސީއައިޑީ) އަކީ އިންޑިއާގެ އެންމެ ގިނަ ދުވަސްވީ ޓީވީ ޝޯވ އެވެ. ސީއައިޑީ ގެނެސްދޭތާ މިހާރު 18 އަހަރު ވެފައި ވާއިރު، މި އަހަރުގެ ތެރޭގައި އެ މަސް ދުވަހަށް އެ ޝޯވ ވަނީ މެދުކަނޑާލައިފަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކުއްލިއަކަށް ޝޯވ މެދުކަނޑާލި ސަބަބު ސޮނީ އިން ވެސް އަދި ޝޯވ އުފައްދާ ފަރާތުން ވެސް ހާމަކޮށްފައި ނުވާއިރު، ޖޫން މަހު މުޅިން އާ އެޕިސޯޑު ތަކަކާ އެކު ޝޯވ އަލުން ފެށީ އިރު، ކާސްޓަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.
އެގޮތުން ޝޯގައި އިންސްޕެކްޓާ ސަޗިންގެ ރޯލުން ފެނިގެންދިޔަ ރިޝިކޭޝް ޕާންޑޭ އާއި ޝޯގައި ޖޭވަންތީ ގެ ރޯލުން ފެނިގެންދިޔަ ތާނިޔާ އަބްރޯލް އަދި އިންސްޕެކްޓާ ނިކިލްގެ ރޯލުން ފެނިގެންދިޔަ އަބޭ ޝުކްލާ ވަނީ ޝޯ އިން ބާކީ ކޮށްފަ އެވެ.
ކާސްޓަށް ބަދަލުތަކެއް ގެނެސް އަލުން ޝޯވ ފެށި ނަމަވެސް، ބެލުންތެރިން އުންމީދު ކުރި ވަރުގެ ކުރިއެރުމެއް ޝޯވ އިން ފެނިގެން ނުދިޔަ އެވެ. 'ދަ ކަޕިލް ޝަރްމާ ޝޯވ'، 'ބޭހަދް'، އަދި ' ސުޕަރ ޑާންސަރ' ފަދަ ޝޯވތަކުގެ ސަބަބުން ސީއައިޑީ ބަލާ މީހުންގެ އަދަދު ވަނީ ދަށަށް ދާން ފަށައިފަ އެވެ.
އެއާއެކު ސޮނީ އިން މިވަނީ ސީއައިޑީ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފަ އެވެ. އެގޮތުން ޝޯވ ގައި ޑްރާމާގެ ބައި ކުޑަކޮށް، ވީހާ ވެސް އަސްލާ އެއްގޮތަށް ހާދިސާތައް ގެނެސްދިނުމަށް މިހާރު ވަނީ ނިންމައިފަ އެވެ.
ސީއައިޑީ އަކީ އިންޑިއާގައި ހިނގާ ތަފާތު އެކި ކަހަލަ ޖިނާއީ ކުށްތަކުގެ މައްޗަށް އަލިއަޅުވާލައިގެން 1998 ވަނަ އަހަރުން ފެށިގެން ގެނެސްދޭ ކްރައިމް-ތުރިލާ އެކެވެ. ސީއައިޑީގެ ފުރަތަމަ އެޕިސޯޑު ދައްކާފައި ވަނީ 1998 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
މީގެ 12 އަހަރު ކުރިން، ސީއައިޑީ އިން ވަނީ އެންމެ ޝޮޓަކުން، އެއްވެސް މެދުކެނޑުމެއް ނެތި އެޕިސޯޑެއްގެ 111 މިނެޓު ޝޫޓުކޮށްގެން ދުނިޔޭގެ ރެކޯޑު ފޮތުންވެސް ޖާގަ ހޯދައިފަ އެވެ.