ފިލްމު ޕްރޮޑިއުސް ކުރުމަށް ޝައުގުވެރިވާ ކަމަށާއި، މިހާރު ވެސް ޕްރޮޑަކްޝަނާ ގުޅެން ތައްޔާރަށް ހުރި ކަމަށް ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ބުނެފި އެވެ.

މީޑިއާ އަށް މައުލޫމާތު ދެމުން ސޮނާކްޝީ ބުނެފައި ވަނީ ފިލްމީ ދާއިރާގައި މިހާތަނަށް ކުރެވުނު ތަޖުރިބާ އާއެކު ދެން ސަމާލުކަން ދޭނީ ޕްރޮޑަކްޝަނަށް ކަމަށެވެ. އަދި މިހާރު ވެސް ރަނގަޅު ސްކްރިޕްޓެއްގެ އިންތިޒާރުގައި ހުރި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ސޮނާކްޝީ ބުނެފައި ވަނީ ޕްރޮޑިއުސަރެއްގެ ގޮތުން އޭނާ މަސައްކަތް ކުރަން ބޭނުން ވަނީ ވަރަށް ވަރުގަދަ ކެރެކްޓަރުން ހިމެނޭ ފިލްމުތަކުގައި ކަމަށެވެ.

މީގެ ދެތިން އަހަރު ކުރިން، ސޮނާކްޝީ އާއި އޭނާގެ ދެ ބޭބެ އިން ކަމުގައި ވާ ލަވް އަދި ކުޝް އެކުގައި ޕްރޮޑަކްޝަންގެ މަސައްކަތް ކުރުމަށް ތައްޔާރު ވެފައިވާ ކަމަށް ވެސް ޚަބަރުތައް ބުންޏެވެ.

"އެކަހަލަ އެއްވެސް ކަމެއް ނެތް. އެއީ ހަމަ އެކަނި ދެކެވުނު ވާހަކަތަކެއް،" އެ ވާހަކަތައް ދޮގު ކުރަމުން ސޮނާކްޝީ ބުނެފައިވެ އެވެ.

ސޮނާކްޝީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ރިލީޒް ކުރި ފިލްމް "އަކީރާ' އިންނެވެ.