17 Oct 2016, 08:28
ކާމިޔާބު ޑައިރެކްޓަރު ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު 'އޭ ދިލް ހޭ މުޝްކިލް' ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާންގެ ރޯލެއް ހިމެނޭތީ، އެ ފިލްމު ރިލީޒް ނުކުރުމަށާއި، ރިލީޒް ކޮށްފިނަމަ ކަރަން އަށް ޖިސްމާނީ އަނިޔާތަކެއް ކުރާނެ ކަމަށް ބުނެ އިންޒާރު ލިބިފައި ވީނަމަވެސް، ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވާ ތާރީޚުގައި ފިލްމު ރިލީޒް ކުރާނެ ކަމަށް ކަރަން ބުނެފި އެވެ.
ކަރަން މިހެން ބުނެފައި މިވަނީ އިންޑިއާގެ ހަތަރު ސްޓޭޓެއްގައި ޕާކިސްތާނު ފަންނާނުން ހިމެނޭ ފިލްމުތައް ނުދައްކާނެ ކަމަށް ސިނަމާތައް ހިންގާ އެސޯސިއޭޝަން، ސީއޯއީއޭއައި އިން ބުނެފައި ވަނިކޮށެވެ.
ޓުވިޓާ މެދުވެރިކޮށް، ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ކަރަން ބުނެފައި ވަނީ "28 ވަނަ ދުވަހު ސިނަމާ އިން ހުރިހާ އެންމެނާ ބައްދަލު ކުރާނެ،" ކަމަށެވެ.
މަހާރާޝްތުރަ، ގުޖްރާތު، ކަރްނާޓަކާ އަދި ގޯއާ ގައި ޕާކިސްތާނު ފަންނާނުން ހިމެނޭ ފިލްމުތައް ނުދައްކަން ނިންމާފައި ވަނީ ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 19 ސިފައިން މަރާލުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން ބޮޑުވެފައި ވާތީ އެވެ.
ސީއޯއީއޭއައި އިން ބުނީ ބައެއް ފިލްމުތައް ރިލީޒް ނުކުރެވުމުން ސިނަމާތަކަށް މާލީ ގޮތުން ދަތިކަމެއް ދިމާވި ނަމަވެސް، ފިލްމު ރިލީޒް ކޮށްފި ނަމަ ސިނަމާތަކަށް ހަމަލާ އަމާޒުވެ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެ ހަމަލާ އާއި ގުޅިގެން މަހާރާޝްތުރަ ޕާޓީ އިން ވަނީ އިންޑިއާ ގައި ތިބި ޕާކިސްތާނު އެކްޓަރުން އިންޑިއާ އިން ފޭބުމަށް އަންގައި އިންޒާރު ދީފަ އެވެ. އެ އިންޒާރާ އެކު ޕާކިސްތާނު ފަންނާނުން އިންޑިއާ އިން ފައިބައިފައި ވާއިރު، ވަގުތީ ގޮތުން އެމީހުންނަށް ހިންދީ ސިނަމާގައި މަސައްކަތް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ޕާކިސްތާނުގައި ހިންދީ ފިލްމު ދެއްކުން ވެސް މަނާ ކޮށްފަ އެވެ.
'އޭ ދިލް ހޭ މުޝްކިލް' ގައި ލީޑު ރޯލުތަކުން ފެނިގެންދާނީ ރަންބީރު ކަޕޫރު، އައިޝްވާރްޔާ ރާއި ބައްޗަން އަދި އަނުޝްކާ ޝަރްމާ އެވެ. ސެންސަރު ބޯޑުން މިހާރު ފިލްމު ފާސްކޮށްދީފައި ވާއިރު ދިވާލީ އާ ދިމާކޮށް ފިލްމު ސްކްރީނުތަކަށް އަންނާނެ އެވެ.