ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ އެކު ތިއްބެވި ބޭފުޅުންނަކީ "އަސްލު ޕީޕީއެމް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކިތަންމެ ފަހަރަކު މިދަންނަވަނީ މިތާ މިތިބީ އަސްލު ޕީޕީއެމް. ޕީޕީއެމްގެ ކައުންސިލްގެ މީހުންނޭ މިތާ މިތިބީ،އަބްދުއްރަހީމް އަބްދުﷲ

ރައީސް ޔާމީންގެ ރިޔާސަތުގެ ދަށުން މިރޭ ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ، މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވީ އަސްލު ޕީޕީއެމްގެ ބޭފުޅުން ކަމަށެވެ.

"ކިތަންމެ ފަހަރަކު މިދަންނަވަނީ މިތާ މިތިބީ އަސްލު ޕީޕީއެމް. ޕީޕީއެމްގެ ކައުންސިލްގެ މީހުންނޭ މިތާ މިތިބީ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމް ކައުންސިލްގެ 70 ޕަސެންޓު ރައީސް ޔާމީނާއެކު މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ކަމަށެވެ.

ރައީސް ޔާމީނަށް ޕީޕީއެމްގެ ކިހާވަރެއްގެ ތާއީދު އެބައޮތްތޯ ދެންނެވުމުން އަދުރޭ ވިދާޅުވީ، ތާއީދު އޮތްވަރުގެ ޕަސެންޓޭޖު އެނގޭނީ އިންތިޚާބަކުން ކަމަށާއި އެބޭފުޅުން މަސައްކަތް ކުރަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތާއީދާ ނުލައި 2018 ވަނަ އަހަރުގެ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެއްވިދާނެތޯ ދެންނެވުމުން އެ ސުވާލަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަށް ރައީސް ޔާމީން މިރޭ ދަރުބާރުގެއަށް ވަދެ ވަޑައިގަންނަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"ތި ސުވާލުގެ ޖަވާބުގައި އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރައީސް ޔާމީނާއެކީގައި އެންމެން ނިކުމެގެން އިންތިޚާބު ކާމިޔާބު ކުރަން. ރައީސް މައުމޫން ނިންމަވާނީ ރައީސް މައުމޫން ވަޑައިގަންނަވާނީ ކޮން ކޮޅަކަށްތޯ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕާޓީ ހިންގުމުގެ ހުރިހާ ކަމެއް ސިވިލް ކޯޓުގެ ހުކުމަކުން މިއަދު ރައީސް ޔާމީނާ ހަވާލުކޮށްފައިވާ ކަމަށާއި އެހެންކަމުން މިއަދު ރައީސް މައުމޫން ބޭއްވި ކައުންސިލް ބައްދަލުވުން ސައްޚަ ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ އޮފީހުގައި މިހާރު ކުރާ މަސައްކަތްތަކަކީ ޕާޓީގެ ރަސްމީ މަސައްކަތްތަކެއް ނޫން ކަމަށާއި ކޯޓުން ވަކި ގޮތަކަށް ކަނޑައަޅަންދެން ނުވަތަ ޕާޓީގެ ގައުމީ ޖަލްސާ ބޭއްވެންދެން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.