ދެބެންގެ ވާދަވެރިކަން ބޮޑުވެ، ކުރި ލިބޭނެ ފަރާތަކާމެދު ބަހުސް އުފެދިފައިވާ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފަރާތުން ތަފާތު މަންޒަރެއް މި ވަނީ ފެނިފަ އެވެ. އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކާއެކު އިއްޔެ ބޭއްވެވި ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދެއްކެވި ރާގު ވަރަށްވެސް ތަފާތެވެ.

ކުރިން ނީވޭ ރާގެއް

ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމް ހަވާލު ކުރުމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމަށް ފާޑުވިދާޅުވެ، އެ ހުކުމް ބަލައި ނުގަންނާނެ ކަމަށް އިޝާރާތްކޮށް މައުމޫން ވާހަކަފުޅު ދެއްކެވި އެވެ. އެއީ ކިތަންމެ ހިތްހަމަނުޖެހޭ ދަނޑިވަޅުތަކުގައި ވެސް ކޯޓުގެ ނިންމުމަކަށް އިޝާރާތްކޮށް މީގެ ކުރިން ރައީސް މައުމޫންގެ ކިބައިން ފެންނަ މަންޒަރެއް ނޫނެވެ.

ޕީޕީއެމް އުފެއްދުމަށްފަހު، އެ ޕާޓީ މެދުވެރިކޮށް ސިޔާސީ މަގާމުތަކަށް ވަޑައިގެންނެވި ބޭފުޅުން "ބަޔަކަށް" ހެއްދެވީ މައުމޫން ކަމަށް، އެއީ އަބަދުހެން ދެކެވޭ ވާހަކައެކެވެ. ނަމަވެސް އަމިއްލައަށް ކުރެޑިޓް ނަންގަވަން މީގެ ކުރިން ރައީސް މައުމޫން ފާޅުގައި އެ ވާހަކައެއް ނުދައްކަވަ އެވެ. ނަމަވެސް މިހާރު މި ވަނީ އެ ވާހަކަ ވެސް ތަފްސީލީ ގޮތަކަށް ދައްކަވާފަ އެވެ.

ގިނަ މެމްބަރުން އިންތިހާބްވީ ރައީސް މައުމޫނާއެކު ފޮޓޯ ނަންގަވައި އެމަނިކުފާންގެ މެސެޖް ރައްޔިތުންނަށް އިއްވައިގެން ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 25 ޕަސެންޓް ލިބުމުން، ދެ ވަނަ ބުރުގައި އިތުރަށް 26 ޕަސެންޓް ހޯދަން މަސައްކަތް ކުރެއްވި ވާހަކަ ފާޅުގައި ވިދާޅުވި އެވެ. "ކަލަ" ގޮވާ ޒާތުގެ ވާހަކައަކީ މީގެ ކުރިން ރައީސް މައުމޫން ދައްކަވާ ވާހަކަފުޅުތަކެއް ނޫނެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ޕީޕީއެމް އޮފީހާއި ހަވާލުވާން ގުޅި ވާހަކަ އާއި ނޫސްވެރިންގެ ސުވާލުތަކަށް ވެސް ރައީސް މައުމޫން ޖަވާބް ދެއްވީ މީގެ ކުރިން ޖަވާބު ނުދެއްވާ ރާގަށެވެ. ހިނިފުޅު ވަޑުވަމުން ޖަވާބު ދެއްވިއިރު "ނަމަނަމައަކުން ރިހައެއް ނުކެއްކޭނެ" ކަމަށް ވިދާޅުވެ، މަޒާޖީ ބަސްތަކުން ސުވާލުތަކަށް ޖަވާބު ދެއްވި އެވެ.

"ވަރަށް ފާޑަކަށް ދެއްތޯ ޖަވާބުތައް ދެއްވީ، މިސާލަކަށް ސަންއިން އެ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ ވިދާޅުވީ ތިމަން މަނިކުފާން ވިދާޅެއް ނުވާނަމޭ އެކަކުވެސް ދައްނަވަނީ ދޮގެކޭ. އެކަމަކު އެބޭފުޅުން އެ ވާހަކަފުޅު ދައްކަވަނީ ހަގީގަތާ ހިލާފަށޭ. އެގޮތަށް އެހެން ފާޑަކަށް ޖަވާބު ދެއްވާކަން ފާހަގަ ކުރެވޭ،" ރައީސް މައުމޫން އިއްޔެ ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ނޫސްވެރިކަން ކުރެއްވި ނޫސްވެރިޔަކު ވިދާޅުވި އެވެ.

ވާހަކަތަކުގެ ފަހަތުގައި ކޮންކަމެއް؟

ތިރީސް އަހަރު ވެރިކަމުގެ ތަޖުރިބާ އާއި ބަހާއި އަދަބިއްޔާތުގެ ހުނަރާއެކު ރައީސް މައުމޫނަކީ މޮޅު ވާހަކަދެއްކުންތެރިއެކެވެ. ބުއްދިވެރިކަމާއެކު ކަންކަން ހާމަކުރައްވާއިރު ރައީސް މައުމޫން އިއްޔެ ދެއްކެވި ވާހަކަފުޅު ބަހުގެ ފަރާތްތަކުން ސިފަކުރައްވަނީ އެއީ ބަޔަކަށް ދިން ފުން މެސެޖްތަކެއް ކަމަށެވެ.

ރައީސް ޔާމީން އަށް ތާއީދު ކުރައްވާބޭފުޅުންނުް ބޭއްވި ނޫސްކޮންފަރެންސް ގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އެވާހަކަތަކަކީ ހަމައެކަނި ބަލަން ތިބި މީހުންނަށް ކިޔައިދިން ވާހަކަތަކެއް ނޫން، އެވާހަކަތަކީ [ރައީސް ޔާމީނަށް ތާއީދުކުރައްވާ] މީހުންނަށް ކިޔައިދެއްވީ ވާހަކަފުޅުތަކެއް، ލިސްގްއިސްޓިކް ނަޒަރުން ބެލީމަ އަޅުގަނޑަށް ވިސްނޭ އެއްޗަކީ،" ރައީސް މައުމޫންގެ އަރިހުގައި މަސައްކަތްކުރައްވާ ބަހުގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ރައީސް މައުމޫން މަގުސަދަކީ ސުޓޭންޑް ހާމަކުރުން

އަހުމަދު އަދީބް ނައިބު ރައީސްކަމަށް އައްޔަންކުރެއްވުމާއި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ގަނެވޭ ގޮތަށް ގާނޫނު ބަދަލުކުރުމާއި ބިޑަކާ ނުލައި ރިސޯޓު ހެދުމަށް ރަށް ދޫކުރެވޭ ގޮތަށް ގާނޫނު ބަދަލު ކުރުންފަދަ އެތައް ކަމަކީ ރައީސް މައުމޫން ސީދާ ދެކޮޅު ހެއްދެވި ކަންކަމެވެ. ނަމަވެސް އެ ދަނޑިވަޅުތަކުގައި ވެސް ފާޅުގައި އެއްޗެހި ވިދާޅެއްނުވެ އެވެ.

ފާޅުގައި އެތައް ވާހަކަފުޅެއް ރައީސް މައުމޫން ދައްކަވާފައިވާއިރު ރައީސް މައުމޫނަށް ތާއީދު ކުރައްވާ އަދި އަރިހުގައި މަސައްކަތް ކުރައްވާ ޕީޕީއެމް ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ ވިދާޅުވީ ރައީސް މައުމޫންގެ ސުޓޭންޑަކީ މަޑުން ހުންނެވުން ކަމަށާއި ވަރަށް ގޯސްވެގެން ނޫނިއްޔާ އެއްޗެއް ވިދާޅެއް ނުވާނެ ކަމަށެވެ. އިއްޔެ ފެނުނީ އެ މަންޒަރު ކަމަށް ނާދިރާ ވިދާޅުވިއެވެ.

"ރައީސް މައުމޫން މަޑުމަޑުން ހުންނެވީމަ އެންމެންވެސް ހީކުރައްވަނީ ރައީސް މައުމޫނާއި ޔާމީނާއި އެއް ވިސްނުމެވޭ އެކީގައޭ ތިއްބެވީ، އެހެންވީމަ ރައީސް މައުމޫން ރައްޔިތުންނަށް ހާމަ އެކޮށްދެއްވީ އެ ކަންކަން، އެމަނިކުފާންގެ ސިޔާސަތެއް ނޫންކަން ތަންފީޒު ކުރަނީއެއް،" ނާދިރާ ވިދާޅުވިއެވެ.

ކޮންމެ އަކަސް ރައީސް މައުމޫންގެ ވާހަކަފުޅުތަކުގެ ރާގު ވަރަށް ބާރުގަދަ އެވެ. ބަލަންތިބި މީހުންނާއި އަޑުއަހަން ތިބި މީހުންނަށް ދިން މެސެޖަކީ ހިތްވަރާއެކު ކުރިއަށްދާނެކަމުގެ މެސެޖެކެވެ.

"ކޯޓްތައް ވެސް އަދި ޕާލަމެންޓްރީ ގުރޫޕު ވެސް އަދި ސަރުކާރު ވެސް ރައީސް މައުމޫނާ ދެކޮޅުކަން އެމަނިކުފާނަށް އެނގިވަޑައިގަންވަނާ ދެއްތޯ؟ އެކަމަކު ދެއްކި މޫޑުން ދޭހަވަނީ ތިމަންނަވެސް މިހުރީ ވަރަށް ވަރުގަދަ ކޮށޭ، ތިމަންނަ ފަހަތުގައި ވެސް އެބަހުއްޓޭ ބަޔަކު،" ސިޔާސީ ދާއިރާ ދިރާސާ ކުރައްވާ ފަރާތަކުން ވިދާޅުވިއެވެ.

ދިގު މުއްދަތުގެ ވެރިކަމާއެކު ރައީސް މައުމޫން އަކީ ތާއީދު ބޮޑު ބޭފުޅެކެވެ. ނަމަވެސް އެއީ އާންމުންގެ އެވެ. ޕާލަމެންޓްރީ ގުރޫޕުން ފެށިގެން ގޮސް ޕީޕީއެމް ކައުންސިލާއި ދައުލަތުގެ ބާރުތައް ވެސް އޮތީ ރައީސް ޔާމީންގެ ކޮންޓްރޯލުގެ ދަށުގައި ކަމަށް ބުނެ، ދައްކާ ވާހަކައަކީ އާންމު ވާހަކައެކެވެ.

ކޮންމެއަކަސް ރައީސް މައުމޫންގެ ކިބައިން ތަފާތު މަންޒަރެއް ފެނިއްޖެ އެވެ. ކެރިގެން ބަސް ބުނެ ތަފްސީލީ އެތައް ކަމެއް ހާމަ ކުރައްވައިފި އެވެ. ސީދާ ޖަވާބުތަކެއް ދެއްވައިފިއެވެ. ފަހަތުގައި ސިއްރުތަކެއް އެބަވެއެވެ. އެއްބަޔަކަށް މެސެޖެކެވެ. އަނެއް ބަޔަކަށް އިންޒާރެކެވެ. ދެން ތިބި ބަޔަކަށް ހިތްވަރެކެވެ.