16 Oct 2016, 22:53
ސްޕެނިޝް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތީ ބާސެލޯނާގެ ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީ އަތުގައެވެ. ހަމަ އެހެންމެ މެސީ ވަނީ ސްޕެނިޝް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް ގާއިމުކޮށްފައެވެ. އެއީ 2011-12 ސީޒަންގައި 50 ލަނޑު ޖަހައިގެންނެވެ.

މެސީ އަނިޔާގައި ހުރުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހަނީ -- ފޮޓޯ: ބީބީސީ
ބާސާގެ އަމިއްލަ ދަނޑުގައި ހޮނިިހިރު ދުވަހު ޑިޕޯޓިވޯ ލަކަރޫނާ އަތުން 4-0 ލަނޑުން ބާސާ މޮޅުވި މެޗުގައި ތާރީޚީ ލަނޑެއް ކާމިޔާބުކޮށް،މެސީ މިވަނީ ސްޕެނިޝް ލީގުގައި، އަމިއްލަ ދަނޑުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް މުގުރާލައިފައެވެ. ކުރިން އެ ރެކޯޑް އޮންނަނީ، އެތުލެޓީކޯ މެޑްރިޑްގެ ލެޖެންޑް ފޯވާޑް ޓެލްމޯ ޒަރާ އަތުގައެވެ. އެއީ 179 ލަނޑު ކާމިޔާބުކޮށްގެންނެވެ.

މެސީ އަދި ޒަރާ: މެސީ ވަނީ އެތުލެޓީކޯ މެޑްރިޑްގެ ލެޖެންޑް ފޯވާޑް ޓެލްމޯ ޒަރާ ގާއިމްކޮށްފައިވާ 179 ލަނޑުގެ ރެކޯޑް މުގުރާލާފައި -- ފޮޓޯ: ސްޕޯޓްސް-އިންގްލިޝް
ބާސާގެ ދަނޑުގައި މެސީ ކާމިޔާބުކުރި 180 ވަނަ ލަނޑު އޭނާ ކާމިޔާބުކުރީ، ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށް ފަހު، އޭނާ ކުޅުނު ފުރަތަމަ މެޗުގެ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ތިން މިނިޓްތެރޭގައެވެ. އެއީ އޭނާ ކޭމްޕު ނޫގައި ކުޅުނު 176 ވަނަ މެޗެވެ.
މެސީއާ އެންމެ ވާދަވެރި ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ އޮތީ 150 ލަނޑާއެކު މި ލިސްޓުގެ ހަތަރު ވަނައިގައެވެ. 151 ލަނޑާއެކު މެސީގެ ކުރިން ލިސްޓުގެ ތިން ވަނައިގައި އޮތީ ރެއާލްގެ ލެޖެންޑް އަލްފްރެޑޯ ޑި ސްޓެފާނޯ އެވެ.
ލަ ލީގާ ހޯމް ގޯލް ރެކޯޑް ރޭންކިން
- ލިއޮނަލް މެސީ 180 ލަނޑު
- ޒަރާ 179 ލަނޑު
- ޑި ސްޓެފާނޯ 151
- ކުއިނީ 151 ލަނޑު
- ކްރިސްޓިއާނޯ ރޮނާލްޑޯ150 ލަނޑު

އަނިޔާގައި ހުރުމަށްފަހު މެސީ ކުޅުނު ފުރަތަމަ މެޗުގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި ލަނޑު ޖަހާފައި -- ފޮޓޯ: ބީބީސީ
ޑިޕޯޓިވޯ ކޮޅަށް މެސީ ކާމިޔާބުކުރި ތާރީޚީ ލަނޑަކީ، އެޓީމާ ދެކޮޅަށް އޭނާ މިހާތަނަށް ކުޅުނު 17 މެޗުން ކާމިޔާބުކުރި ޖުމުލަ 14 ވަނަ ލަނޑެވެ. މިޒީސަންގައި އޭނާ މިހާތަނަށް އަށް މެޗު ކުޅެފައިވާއިރު ނުވަ ލަނޑު ޖަހާފައި ވެއެވެ.