ބިމުގެ ދަތިކަން ފިލުވައިދީ ވިޔަފާރި މުދަލެއްގެ ގޮތުގައި ބިން ބޭނުންކުރުމުގެ ޤާނޫނުތަކަށް ގެންނަން ބޭނުންވާ އިޞްލާހުތަކެއް ރައީސުލްޖުމްހޫރިއްޔާ އިޢްލާނު ކުރައްވައިފި އެވެ.

ނ. މަނަދޫއަށް ވަޑައިގެން ރައީސް މިއަދު އެ ރަށުގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ބިމުގެ ތާށިކަން ފިލުވައި ބިމަކީ ވިޔަފާރި މުދަލެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށް ޤާނޫނުތަކަށް ސަރުކާރުން ހުށަހަޅުއްވާ އިޞްލާޙުތަކުގެ މައްޗަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ބިމަކީ ވިޔަފާރީގެ މުޢާމަލާތްތަކުގައި ފަސޭހައިން ބޭނުންކުރެވޭ ވަސީލަތަކަށް ހެދުމަށް ބިމާއި އަދި ބިމާ ގުޅިފައިވާ މުދަލާ ގުޅޭގޮތުން ގެންގުޅޭ އުޞޫލުތަކަށް އިޞްލާޙުތައް ގެނައުމަށް ބިމާބެހޭ ޤާނޫނުތަކަށް ސަރުކާރުން މި މަހު ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އާ އިޞްލާޙުތަކުގެ ތެރޭގައި، ބިމުގެ މުޢާމާލާތްތައް ފަސޭހަ ގޮތުގައި ހިންގޭނެ އުސޫލުތަކާއި، ބިމާބެހޭ ޤާނޫނަށް ތަޢާރަފް ކުރުން ހިމެނޭކަމަށެވެ. ބަންޑާރަބިމެއް އަމިއްލަކޮށް، ބިން އެހެން މީހަކަށް ވިއްކަން ހިނގާ މުއްދަތަކީ ދިގު މުއްދަތެއް ކަމަށާއި ބިން ވިއްކުމުގައި ކުރަންޖެހޭ ކަންކަން ދިގުލައި، އޮޅުންބޮޅުންވުން އެއީ ވިޔަފާރިއަށާއި ތަރައްޤީއަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.

ބިމާބެހޭ ޤާނޫނަށް ގެންނަ އިޞްލާޙުތަކުގެ އިތުރުން، އެއްމެދު އިމާރާތާބެހޭ ބިލެއް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބިން އެއީ ބޯހިޔާވަހިކަމެއްގެ ގޮތުގައި ދެކެ ރަހުނެއް އެކުލެވިގެންވަނީ ހަމައެކަނި ބިމުގައި ކަމަށް ބަލައި، ބިމުން ވިޔަފާރީގެ މުޢާމަލާތް ހިންގޭގޮތަށް އޮތުން އެއީ ދެކޮޅުޖެހޭ ކަމެއްނޫން ކަމަށާއި އިމާރާތުގެ ބައިބައި ވަކިވަކިން މީހުންނަށް މިލްކު ކުރެވޭނެ ގޮތް ވެގެން ނޫނީ، ދިގު މުއްދަތުން ފައިސާ ދައްކާ އުޞޫލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނިޒާމް ފުރިހަމަ ނުކުރެވޭނެ ކަމަށެވެ.

ޤާނޫނީ ހަމަތަކުން، ފްލެޓް މިލްކަކަށް ވަނީ ފައިސާ ދައްކާ ނިމުމުން ކަމަށާއި، ފައިސާ ދެއްކުމަށް ނަގާ 25 އަހަރު ތެރޭގައި، ފައިސާ ނުދެއްކި ބާކީއޮތް ބަޔަށް މުއާމަލާތް ކުރެވޭނެ ގޮތްތައް ދަތި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މި ބަދަލު ގެނެވުމުން ހުރަސްތައް ނެތި ފްލެޓްތަކުގެ ވިޔަފާރީގެ މުޢާމަލާތް ހިންގަން ފަސޭހަވާނެ ކަމަށެވެ.

ބިމުގެ އުޞޫލުތަކަށް ގެންނަ ބަދަލެއްގެ ގޮތުގައި ބިމުގެ މުޢާމަލާތްތަކުގައި ރަހުނެއްގެ ގޮތުގައި ބިން ބޭނުންކުރުމުން އެ ރަހުނު ނެގޭ ގޮތާއި، އަދި އެ ރަހުނާ ގުޅޭ އެހެން ޙައްޤުތައް ރަހުނުގެ ވެރިޔާއަށް ހޯދޭނެ ގޮތްތައް، ޤާނޫނެއްގައި ސާފުކޮށްދީފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށްވެސް ރައީސް ވަނީ މިއަދު ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބިންވެރިކުރުވަން، ލިބޭ މުދަލަކީ ރަހުނު ކުރުމުގައި ވެސް އެއީ ރައްޔިތުންނަށް ލިބޭ އިތުރު ފައިދާއެއް ކަމަށާއި، ބިން ރަހުނުކޮށް، ރަހުނެއްގެ ގޮތުގައި ބޭންކްތަކާ އެކުގައި މުޢާމަލާތްތައް ހިންގައި، ލިބޭ ފައިދާއިން، ރާއްޖޭގައި އިތުރު މަސައްކަތް ތަޢާރަފް ވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ ބިމުގެ ތާށިކަން ބޮޑުވެ، އަތް ނުފޯރާ ވަރަށް އަގު ބޮޑުވެފައިވަނީ، ރާއްޖޭގައި ބިން މަދުވެގެން ނޫން ކަމަށާއި، ބިން ދަތިވެފައި ވަނީ، ބިމާބެހޭ ކަންކަން ރާއްޖޭގައި ހަމަޖައްސަމުން އައި ގޮތުގެ ސަބަބުން ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ބިމާބެހޭ ކަންކަން ހިންގަމުން އައި ގޮތް ބަދަލުކުރަން ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، ބިމާބެހޭ ޤާނޫނަށް ގެންނަން ހުށަހަޅާ އިޞްލާޙުތަކާއި، އަލަށް ތަޢާރަފްކުރަން ހުށަހަޅުއްވާ އެއްމެދު ޢިމާރާތާބެހޭ ޤާނޫނާއި، ރަހުނާބެހޭ ޤާނޫނު ތަޢާރަފު ވުމުން ދައުލަތުގެ މުއްސަނދިކަން ދެ ގުނަވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބިމުގެ ތާށިކަން ހުރި ވަރުންނާއި ބިމުގެ ވިޔަފާރީގެ ނުހިންގޭތީ ރާއްޖޭގެ ބައެއް ރަށްރަށުގެ ބިމުގެ އަގު ދުނިޔޭގައި އެއްވެސް ތަނެއްގައި ބިމުގެ އަގު ނެތް މިންވަރަށް އަރައިގެން ގޮސްފައިވާކަ ކަމަށެވެ.