ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ބާއްވާ މަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވާނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ވިލިވާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ބޭއްވި ޕީޕީއެމްގެ ކައުންސިލު ބައްދަލުވުމުން ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކޮށްފައި ވަނީ ރައީސް ޔާމީންގެ ރިޔާސަތުގެ ދަށުން މިރޭ ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައެވެ.

މަޝްވަރާތަކުގައި ބައިވެރިވާނީ ނިހާނާއި އަދުރޭ ކަމަށް ރައީސް ޔާމީންގެ ތާއީދާ އެކު ކައުންސިލުން ނިންމާފައިވާއިރު، މަޝްވަރާތަކުގައި ބައިވެރިވާނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ކަމަށް ކަނޑައަޅައި ރައީސް މައުމޫން ވަނީ ރައީސް އޮފީހަށް އެކަން ލިޔުމުން އަންގަވާފައެވެ.

އެގޮތަށް އެންގެވުމުން ރައީސް އޮފީހުން ބުނީ ޕާޓީގެ ކައުންސިލުން ފާސްނުކުރާ ބޭފުޅެއްގެ ނަން ގަބޫލުނުކުރެވޭނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވެސް ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ކައުންސިލުން ފާސްނުކުރާ ބޭފުޅަކަށް މަޝްވަރާތަކުގައި ބައިވެރިނުވެވޭނެ ކަމަށެވެ.

މީގެކުރިން ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ބޭއްވި މަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެފައި ވަނީ ނިހާނާއި އަދުރޭއެވެ.