މި ސީޒަނުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ގަދަފަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މައްޗަށް 3-4ގެ ނަތީޖާ އަކުން ޓީސީ ސްޕޯޓްސް ކްލަބުން ކުރި ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. ފުރަތަމަ ލަނޑު މެޗުގެ ތިން ވަނަ މިނެޓްގައި އަހުމަދު ނާޝިދު (ނައްޓޭ) ކާމިޔާބުކުރިއިރު މާޒިޔާގެ ދެވަނަ ލަނޑު 39 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު އުމައިރެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާގެ ލީޑު އިތުރަށް ފުޅާ ކުރުމަށް އިސްމާއިލް އީސައަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އީސަ ހިފައިގެންދިޔަ ބޯޅަ ހޯދުމަށް ގޯލު ކީޕަރު ނިކުތުމުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެވެނަ ހާފް ފެށިގެން ދެވަނަ މިނެޓްގައި ޓީސީން ވަނީ ލަނޑެއް ކާމިޔާބްކޮށްފައެވެ. ޓީސީގެ އަލީ ފާސިރު (ސެންޓޭ) މާޒިޔާގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ކީޕަރު އިމްރާން މުހައްމަދުގެ ބޯމަތިން ގޮސް ގޯލުގެ ތެރެއަށް ވަނީ އަމްދާން އަލީ (އެންޑީ)ގެ ފައިގައި ޖެހިފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އެމެޗުގައި މާޒިޔާގެ ތިން ވަނަ ލަނޑު 54 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަހުމަދު އިމާޒް (އާއްކޮ)އެވެ. އާއްކޮ އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ގޯލަށް ނައްޓޭ ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނިކުތުމުން ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

ޓީސީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޝަމްވީލް ގާސިމް (ބޮންޑާ)އެވެ. މެޗުގެ 60 ވަނަ މިނެޓްގައި އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީން އުފެއްދި ހަމަލާއެއްގައި އަހަމަދު ނާޒިމް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ޓީސީއަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 81 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނާއިޒް ހަސަން (ދާދު) އެވެ. މިއަދުގެ މެޗަށް ދާދު ނިކުތީ އަނިޔާގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހުއެވެ.

މިއަދުގެ މެޗުން ޓީސީ މޮޅުކޮށްދިން ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޓީސީއަށް ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ބޮންޑާއެވެ. ބޮންޑާ އެ ގޯލު ކާމިޔާބުކުރީ މާޒިޔާގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބޯޅައެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ. އެ ބޯޅަ ހޯދުމަށް ކީޕަރު އިމްރާން ޑައިވްކުރި ނަމަވެސް އޭނާގެ އަތުގައި ބޯޅަ ޖެހޭވަރެއް ނުވިއެވެ.