އެއްހާސް އަހަރު ޖަލުގައި ހުންނަވަން ޖެހިވަޑައިގަތަސް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ޖަލުގައި ހުންނަވާނެ ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އާދަމް އާޒިމް ވިދާޅުވީ، ކާނަލް ނާޒިމަކީ ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި އެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"ކޮންމެފަދަ ހާލަތެއްގައި ވެސް، ޖަލުގައި 1000 އަހަރު އޮންނަންޖެހުނު ނަމަވެސް ކާނަލް ނާޒިމް އޮންނާނީ ޖަލުގައި،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނާޒިމް ބޭނުންވަނީ ރާއްޖޭގައި ހުންނަވައިގެން އަނިޔާ ތަހަންމަލްކޮށްގެން، ރާއްޖޭގައި ކަންތައްތައް ގޯސްކޮށްދާ ކަމާއި އެކަންކަމަކީ ރަނގަޅު ކުރަންޖެހިފައިވާ ކަންކަން ކަމުގައި ރައްޔިތުންނަށް ދައްކަވަން ކަމަށެވެ.

ނާޒިމް ޖަލުން މިނިވަންކުރަން އާއިލާއިން ކުރަމުން އަންނަ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައަކީ ވަރަށް ސާފުކޮށް ހުރިހާ ރައްޔިތުންނަށް އެނގޭ މައްސަލައެއް ކަމަށާއި ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ޑީއެންއޭ ފެނިފައިވުމަކީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަނުވާކަން އެނގޭ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ދަރިކަނބަލުން އާމިނަތު ވުލާ މުހައްމަދު ނާޒިމް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދުމުން ސަރުކާރުން އެކަންކޮށްދީފައިނުވާ ކަމަށެވެ. ނަމަވެސް ނާޒިމަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަދި ރާއްޖެއިން ބޭރުން ވެސް އަޅުގަނޑުގެ ބައްޕަ މުހައްމަދު ނާޒިމަށް އިންސާފު ހޯދައިދިނުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ ދަންނަވަން،" ވުލާ ވިދާޅުވިއެވެ.

ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދު ވިދާޅުވީ، ނާޒިމްގެ ލޮލުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި އެކަމާ ގުޅިގެން ދެފަހަރު ސިންގަޕޫރަށްގޮސް ބޭސްފަރުވާކޮށްފައިވާނެކަމަށެވެ. ނަމަވެސް އެގައުމުން އެކަމަށް އެކަށީގެންވާ ފަރުވާ ކުރެވެން ނެތް ކަމަށް ވެސް އަފާފް ވިދާޅުވިއެވެ.

އަފާފް ވިދާޅުވީ، ނާޒިމްގެ ލޮލުގެ މައްސަލައަށް އެކަށީގެންވާ ފަރުވާ ކުރެވޭނީ އިންޑިއާއިން ކަމަށާއި ނަމަވެސް އިންޑިއާއަށް ދިޔުމުގެ ހުއްދައަކަށް އެދުމުން ބޭސްފަރުވާއަށް ދެވޭނީ ހަމައެކަނި ސިންގަޕޫރަށް ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ކަރެކްޝަނަލް ސާވިސްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.