ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނައި ތަރައްގީގެ ސަބަބުން ރާއްޖޭގައި ވެރިކަން ކުރެއްވި އެހެން ބޭފުޅުންނަށް އޮތް ތާއީދު ގެއްލިދާނެތީ އެކަމާ ބިރުހީވެގެން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް އޮތީ ރައީސް ޔާމީނާ އެކު ކަމަށެވެ.

"އެބޭފުޅުންނަށްވުރެ ދިވެހިރާއްޖެއަށް ގިނަ ދުވަހު ޚިދުމަތްކުރި ބޭފުޅެއްގެ ލަގަބު ރައީސް ޔާމީނަށް ލިބިވަޑައިގެންފާނެތީ އެކަމާ ކަންބޮޑުވަނީ. ދެން ކީއްތޯ ކުރާނީ. ޒަމާން މިއޮތީ ބަދަލުވެފަ. މިއީ ފަސްދޮޅަހުގެ އަހަރުތަކެއް ނޫން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އޭނާ އަކީ އަދިވެސް ޕީޕީއެމްގެ ނައިބު ރައީސް ކަމަށާއި އޭނާ މަގާމުން ވަކިކުރެވޭނީ ޕާޓީގެ ކައުންސިލަށް ކަމަށެވެ. އަދުރޭ އެހެން ވިދާޅުވިފަހުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރިޔާސަތުގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އޭނާ މަގާމުން ވަކިކުރަން ފާސްކޮށްފައެވެ.

ޕީޕީއެމްގެ އާންމު މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުން ނޫން ކަމަށާއި ޕީޕީއެމް އަށް ތާއީދު ކުރާ އެއްވެސް މީހަކު އެމްޑީޕީއާ އެއް މޭޒުދޮށަށް ގޮސް ގަރާރުތަކުގައި ސޮއި ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އެމްޑީޕީގެ މެމްބަރުންނަށް އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން ބޭނުން. އަޅުގަނޑުމެންނަށް ތާއީދު ކުރާ އެއްވެސް، މީހަކު، އަޅުގަނޑުމެންގެ ޕާޓީ އެމްޑީޕީއާ އެކީ އެއް މޭޒެއްގެ ދޮށަށް ގޮސް ގަރާރުތަކުގައި ސޮއިކޮށް މަޝްވަރާގެ މަޖިލީހަށް ދާން ބޭނުމެއް ނުވާނެ،" އަދުރޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ މިހާތަނަށް ރައީސް މައުމޫން ކަންތައްތައް ކުރެއްވީ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށާއި އެކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.