16 Oct 2016, 17:33
މަޖީދީ މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ މަގުގައި ފަޔަރ ހައިޑްރަންޓް ސިސްޓަމް ބަހައްޓަން ފަށައިފިއެވެ.
ފުރަތަމަ ފަޔަރ ހައިޑްރަންޓް ސިސްޓަމް ބަހައްޓާފައި ވަނީ މާފަންނު މަދަރުސާ ކުރިމައްޗަށްވާ ގޮތަށެވެ. އެ ސިސްޓަމް ބަހައްޓައިދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ފަޔަރ ހައިޑްރަންޓް ސިސްޓަމަކީ މާލެއަށް ވަރަށް މުހިންމު ސިސްޓަމެއް ކަމަށެވެ. ފަޒުލް ވިދާޅުވީ، އެ ސިސްޓަމް ޑިޒައިންކޮށް އެކުލަވާލުމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއާއި އެޗްޑީސީ އަދި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.
ފަޒުލް ވިދާޅުވީ، މުޅި މަސައްކަތް އެއްކޮށް ނިމޭއިރު، މަޖީދީމަގުގައި 12 ހައިޑްރަންޓް ސިސްޓަމް ބެހެއްޓޭނެ ކަމަށެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެ ސިސްޓަމްތައް ބަހައްޓައި ނިމުމުން، މާލޭގައި ދިމާވާ އަލިފާނުގެ އެކި ހާދިސާތަކުގައި ސަލާމަތްތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށެވެ.
އެގޮތުން މިހާރަށް ވުރެ އަވަހަށް އަލިފާން ނިއްވުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.