16 Oct 2016, 17:41
ބޭންކޮކް(އޮކްޓޯބަރު 16): ތައިލެންޑްގެ ރަސްކަމަށް އިސްވެ ވަޑައިގަތުން އެއް އަހަރަށް ފަސްކުރަން ބޭނުންފުޅުވާ ކަމަށް އެގައުމުގެ ސަރުކާރު އޮފިޝަލުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރަސްގެފާނު ބުމިބޯލް އަދުލްޔަދެޖް ގުޅިގެން ރަސްކަމަށް ވަޑައިގަންނަވަން ދެން ހުންނެވި ވަޖިރަލުންގްކޯން ވިދާޅުވީ، ބައްޕާފުޅު އަވަހާރަވުމުން ހިތާމަފާޅުކުރަން ވަގުތު ބޭނުންވާ ކަމަށެވެ.
އެހެންކަމުން ވަލީއުލްއަހްދު ވަޖިރަލުންގްކޯން ރަސްކަމަށް ވަޑައިގަންނަވަންދެން ރަސްކަމުގެ ކަންތައްތައް ބަލަހައްޓަވާނީ، ރަސްގެފާނުގެ އެޑްވައިޒަރީ ކައުންސިލްގެ ވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު ޕްރޭމް ޓިންސުލަނޮންޑާއެވެ.
ވަލީއުލްއަހްދު ވަޖިރަލުންގްކޯންއާ ބައްދަލު ކުރެއްވުމަށް ފަހު ތައިލެންޑްގެ ބޮޑުވަޒީރު އަދި ސިފައިންގެ ވެރިޔާ ޖެނެރަލް ޕްރަޔޮތް ޗާންއޮޗާ، ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި އޭނާ ވަނީ ގައުމުގެ ރައްޔިތުން ކަންބޮޑު ނުވުމަށާއި، އެއްވެސް މައްސަލައަކާ ނުލައި ވަލީއުލްއަހްދު ވަޖިރަލުންގްކޯން ރަސްކަމަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
"ވަލީއުލްއަހްދު ވިދާޅުވީ މިވަގުތު އެންމެންވެސް ވަރަށް ބޮޑަށް ހިތާމަ ކުރަމުންދާ ކަމަށް. އެބޭފުޅާވެސް އަދިވެސް ހިތާމަފުޅުކުރައްވަމުން ގެންދަވާ ކަމަށް. އެހެންކަމުން ހިތާމައިން އަރައިގަންނަން ދެން ދެފަރާތުންވެސް މަޑުކުރަން،" ބޮޑުވަޒީރު ޗާންއޮޗާ ވިދާޅުވި އެވެ.
ރަސްގެފާނު ބުމިބޮލް ފަދައިން ވަޖިރަލުންގްކޯން އަށް ރަސްކަން ކުރެވިދާނެތޯ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. ވަލީއުލްއަހްދު މަހާ ވަޖިރަލުންގްކޯން އަކީ އޭނާގެ ބައްޕާފުޅު ބުމިބޯލްފަދަ ކެރިޒްމާ ހުރި ބޭފުޅެއްނޫނެވެ. ބައްޕަ ފަދައިން އާންމުންނާ އަދި ޚާއްސަކޮށް ރައްފުށުގެ ފަގީރުންނާ ބައްދަލުކުރައްވައި އެމީހުންގެ ހާލުއަހުވާލު ބައްލަވައި އެމީހުންނަށް ކަންތައްތައް ފަސޭހަ ކޮށްދެއްވުގެ އާދަ ވަޖިރަލުންގްކޯންގެ ޝަޚްސިއްޔަތުގައި ނެތްކަމަށްވެއެވެ. ނަމަވެސް ޝާހީ އާއިލާއަށް ފާޑު ކިޔާ ފަރާތްތަކަށް އޮންނަ ހަރުކަށި އަދަބުތަކުގެ ސަބަބުން ރައްޔިތުން އެފަދަ ޝުއޫރުތައް ފާޅެއް ނުކުރެ އެވެ.
ތައިލޭންޑުގައި ވަނީ ހިތާމަ ފާޅު ކުރުމުގެ އެއް އަހަރު އިއުލާންކޮށްފައެވެ. އެގޮތުން ޓީވީން ދައްކާ މުނިފޫހިފިލުވުމާ ބެހޭ ޝޯތަކާއި ކުޅިވަރު އިވެންޓުތައް ވަނީ ކެންސަލްކޮށް މަދުކޮށްފައެވެ. އަދި ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރުމުގެ ގޮތުން ކަޅު ހެދުން ލައިގެން ބޭންކޮކަށް އެއްވަމުންނެވެ. (ބީބީސީ)