06 May 2010, 14:15
19:00
ޒަކާތުގެ ފީ ސަބީލިއްލާހި ބައިން ފަސް މިލިއަން ރުފިޔާގެ ސްކޮލަރޝިޕެއް ދޭން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެއިޚް މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅާވާލާނެ ކަމަށާއި އަދި އެ ސްކޮލަރޝިޕް ތަކަކީ ރަނގަޅު ނަތީޖާ ލިބި، އެހެންނަމަވެސް މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުސަތު ލިބިފައިނުވާ ކުދިންނަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ. އަދި އެންމެ އަގުހެޔޮކޮށް ގިނަ ކުދިން ތަކަކަށް އެކުއްޖެއް ކިޔަވަން ބޭނުންވާ ދާއިރާއަކުން ދޭ އެސްކޮލަރޝިޕަށް ރާއްޖޭގައި ކިޔަވާ ކުދިންނަށާއި އަދި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދިވެހި ކުދިންނަށް ވެސް ބައިވެރިވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ޢަމަލު ކުރުމަށް ހަމަޖައްސާފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ބެހޭ ގޮތުން ޝަހީމް ވިދާޅުވީ އެ ގާނޫނަށް ޢަމަލުކުރަން ފެށުމުން ގައުމުގައި ބައިބައިވުން ހުއްޓުވޭނެ ކަމަށެވެ.
އެ ގަވާއިދު ބުނާގޮތުން ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށް ހަދާފައިވާ ގާނޫނުތައް ތަންފީޒު ކުރުމުގައި އެމިނިސްޓްރީއަށާއި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދީ ލަފާދިނުމަށް ޚާއްސަ ބޯޑެއް އެ މިނިސްޓްރީގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވަންޖެހެ އެވެ. އަދި އެބޯޑުގައި ހިމެނޭ މެމްބަރުންގެ އަދަދު ކަނޑައަޅާނީވެސް އިސްލާމިކް މިނިސްޓްރީން ކަމަށް ވެސް އެގަވާއިދުގައިވެ އެވެ.
ދީނީއެއްބައިވަންތަކަން ހިމާޔަތް ކުރާ ގަވާއިދުން މަނާކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކާއި ކުންފުނިތަކާއި އެފަދަ ތަންތަނުން އެއްޗެހި އިޝްތިހާރުކޮށް އިއުލާންކުރުމުގައި އިސްލާމީ އަޚްލާގަށް ބުރޫއަރާ ގޮތަށް ޢަމަލު ކުރުމަކީ މަނާ ކަމެކެވެ. އަދި ވަކިން ޖަމާޢަތް ހަދައިގެން ނަމާދު ކުރުމަކީ ވެސް މަނާކަމެއް ކަމަށް އެ ގަވާއިދުގައިވެ އެވެ.