ހާކިމުގެ ވަލީއަށް ކައިވެނި ކުރާއިރު، ވަލީ ދޭންޖެހޭ މީހާ އެހެންތަނެއްގައި ހުރެ މީހަކާ ވަލީ ހަވާލުކޮށްގެން ކައިވެނި ކުރާނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ނިންމައި އެ ކޯޓުން ސާކިއުލާއެއް ނެރެފި އެވެ.

އާއިލާއާ ބެހޭ ގަވާއިދަށް ސުޕްރީމް ކޯޓުން ގެނައި އިސްލާހުގައި ވާ ގޮތުން ހާކިމުގެ ވަލީއަށް ކައިވެނި ކުރާނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހެ އެވެ.

މިއަދު ސުޕްރީމް ކޯޓުން އާންމު ކުރި ސާކިއުލާއެއްގައި ބުނެފައިވަނީ ހާކިމުގެ ވަލީއަށް ކައިވެނިކުރާއިރު ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭނީ އާއިލާއާ ބެހޭ ގަވާއިދުގެ ނުވަވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ހާލަތްތަކުގައި ކަމަށެވެ.

އާއިލާއާ ބެހޭ ގަވާއިދުގެ ނުވަވަނަ މާއްދާގެ (ށ) ގައި ވާގޮތުން ނަސަބުގެ ގޮތުން ވަލީ އަރާ މީހަކު ދުނިޔޭގައި ނެތް ނަމަ ހާކިމުގެ ވަލީ ހޯދަން ޖެހެ އެވެ. އޭގެ އިތުރުން މަގުބޫލު ސަބަބެއް ނެތި ވަލީ ވެރިޔާ ވަލީ ދިނުމުން މަނާވެގަތުމާއި ވަލީ ވެރިޔާ ވީތަނެއް ނޭނގުމާއި ވަލީވެރިޔާ އަކީ ވަލީ ދިނުމުގެ ޝަރުތު ފުރިހަމަވާ މީހަކަށް ނުވުން ވެސް ހާކިމު ވަލީ ހޯދަން ޖެހޭ ހާލަތްތަކުގެ ތެރޭގައިވެ އެވެ.

ވަލީވެރިޔާ ވަލީ އެހެން މީހަކާ ހަވާލުކޮށްގެން ކައިވެނިކުރާނަމަ އެ ކައިވެންޏަކަށް ހުއްދަ ދޭނީ ކައިވެނި ކުރުމަށް އެދި ހުށަހަޅާ ކޯޓަކުން ކަމަށް ސާކިއުލާގައި ވަނީ ބުނެފަ އެވެ.