16 Oct 2016, 15:57
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މަގާމަށް މިހާރު ވެސް އެ މަގާމުގައި ހުންނެވި އަހުމަދު ތޯރިގް (ޓޮމް) އާއި ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ކުރިމަތިލައްވައިފި އެވެ.
އެފްއޭއެމްގެ އިންތިހާބު އަލުން ބާއްވަން ޖެހުނީ މެއި 31 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ޓޮމް، އޭނާ އެކުލަވާލި އެކްސްކޯގައި ހިމެނިވަޑައިގެންނަވާ ފަސް މެމްބަރަކު މިދިޔަ މަހު 19 ވަނަ ދުވަހު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
އެކްސްކޯގައި ހެމެނިވަޑައިގަންނަވާ ފަސް މެމްބަރަކު އެއްފަހަރާ އިސްތިއުފާ ދެއްވީ ޓޮމްގެ މަސަތްކަތްތަކާ މެދު ހިތް ހަމަ ނުޖެހި ސެކެޓްރީ ޖެނަރަލްގެ މަގާމުން ބައްސާމް ވަކިކުރުމާ ގުޅުގެންނެވެ. އަދި ގަވާއިދާ ހިލާފަށް ބައްސާމް ވަކިކުރެއްވުމުން ފީފާއިން ވަނީ ބައްސާމަށް އަލުން މަގާމް ދިނުމަށް އެފްއޭއެމަށް އަންގާފައެވެ.
އަންނަ މަހު 20 ގައި އޮންނަ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވެފައިވާއިރު އެ މަގާމަށް މީގެ ކުރިން ވަނީ ބައްސާމް ކުރިމަތިލައްވާފަ އެވެ. ރައީސްގެ މަގާމަށް ޓޮމް ކުރިމަތިލައްވާފައި ވަނީ މިއަދު މެންދުރު އެވެ.
ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ހާޒިރުގައި ފޯމް ހުށެހެޅުމަށް ފަހު ޓޮމް ވިދާޅުވީ އޭނާ އެ މަގާމަށް ކުރިމަތިލާފައި މި ވަނީ ގިނަ އަދަދެއްގެ ޓީމުތަކެއްގެ ތާއީދާއެކު ކަމަށާއި އިންތިހާބު ކާމިޔާބުކޮށް އޭނާ ކުރަން ފަށާފައިވާ މަސަތްކަތް ނިންމަން ބޭނުންވާ ކަމަށެވެ.