08 Jun 2011, 23:28
އައްޑޫ ސިޓީގައި ހަށިވިއްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ބުނީ އައްޑޫ ސިޓީގައި ހަށިވިއްކާ ކަމުގެ މައުލޫމާތެއް ލިބިގެން މިރޭ ހިންގި އޮޕަރޭޝަނެއްގައި އައްޑޫ ސިޓީގެ ގަމުން މިރޭ 9.30 ގައި ދިވެހި ފިރިހެނަކާއި ބިދޭސީ ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ކޮންތަނެއްގައި ތިއްބައި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހަށިވިއްކި ކަމުގެ ތުހުމަތުގައި އައްޑޫން ތިން މީހަކު މި ހައްޔަރު ކުރީ ސަން ޓީމުން ހިންގި ސަންސެޓް އޮޕަރޭޝަނަށް ފަހު، މާލޭގައި ހަށިވިއްކާކަން ފަޅާއަރުވާލިތާ ހަފުތާއެއް ވެސް ނުވަނީހެވެ.
ސަން އަށް ވަރަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ގަމުން ހައްޔަރުކުރި ތިން މީހުން ހައްޔަރުކޮށްފައި ވަނީ ގަމުގައި ހުންނަ ސެލޫނެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގަން ތިއްބަ އެވެ. އަދި ހައްޔަރު ކުރި ބިދޭސީ ދެ އަންހެނުންނަކީ ތައިލެންޑް ދެ މީހުންނެވެ.
ތިން މީހުން ހައްޔަރުކުރި ސެލޫންގެ ކައުންޓަރުގައި އިނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.