16 Oct 2016, 17:15
ަކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު 'އޭ ދިލް ހޭ މުޝްކިލް' ގައި ހުނަރުވެރި ބަތަލާ އާލިއާ ބަޓްގެ ހާއްސަ ފެނިލުމެއް ހިމެނޭނެ ކަމަށް އޭނާ ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ކަރަން ޖޯހަރު ބުނީ ފިލްމުގައި އާލިއާ ފެނިގެން ދާނީ، ލަވައެއްގައި ޑީޖޭ އެއްގެ ރޯލުން ކަމަށެވެ.
"އަބަދުވެސް ސްކްރިޕްޓް ގައި އިން ރޯލެއް އެއީ. އެހެންވީމަ ކޮންމެސް މީހަކު ލައްވައި ކުޅުވަން ޖެހޭނެތާ. އެހެންވީމަ އަހަރެންނަށް ވަރަށް ކަމުދާ އަހަރެން ވަރަށް ލޯބިވާ ފަންނާނެއް ލައްވައި އެ ރޯލު ކުޅުވަން އަހަރެން ބޭނުންވީ،" އާލިއާ އަށް ފުރުސަތު ދިން ގޮތް ކިޔައިދެމުން ކަރަން ބުންޏެވެ.
އެ ފިލްމުގައި އަދާކޮށްފައިވާ ކުޑަ ރޯލާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާލިއާ ބުނެފައި ވަނީ އެ ރޯލާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، ތަފާތު ތަޖުރިބާ އެއް ކުރެވުނު ކަމަށެވެ.
އަދި އެ ރޯލު ބެލުންތެރިންނަށް ކަމުދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދީފަ އެވެ.
މިއީ އާލިއާ އާއި ކަރަން އެކުގައި މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. އާލިއާ ބޮލީވުޑަށް ނުކުތީ ވެސް ކަރަންގެ ފިލްމު 'ސްޓުޑެންޓް އޮފް ދަ އިޔާ' އިންނެވެ.
އެ ފިލްމަށް ފަހު އާލިއާ ވަނީ އޭނާގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފަ އެވެ. އެގޮތުން 'ހައިވޭ' އަދި 'އުޅްތާ ޕަންޖާބް' ގައި އޭނާ ދައްކުވައިދީފައި ވަނީ ވަރަށް މޮޅު އެކްޓިން އެކެވެ.
'އޭ ދިލް ހޭ މުޝްކިލް' ސެންސަރު ބޯޑުން ފާސްކޮށްދީފައި ވާއިރު، މި މަހުގެ 28 ވަނަ ދުވަހު ފިލްމު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ދާނީ ރަންބީރު ކަޕޫރު، އައިޝްވާރްޔާ ރާއި ބައްޗަން އަދި އަނުޝްކާ ޝަރްމާ އެވެ. އެ ފިލްމުގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާންގެ މުހިންމު ރޯލެއް ވެސް ހިމެނެ އެވެ.