16 Oct 2016, 14:34
އެގާރަ މެމްބަރުންނާއެކު ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ނިންމެވި ނިންމުންތައް ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.
ތިރީސްދެ މެމްބަރުން މައްޗަށް އެކުލެވޭ ޕީޕީއެމްގެ ކައުންސިލް ބައްދަވުން މިއަދު ބޭއްވީ ކޯރަމް ހަމަވެގެން 11 މެމްބަރުންނާއެކު ކަމަށް މައުމޫން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުން އަބްދުއްރަހީމް އަބްދުﷲ ވަކިކުރެއްވި ނިންމުމާއި އޭނާއާއެކު އިތުރު ދެ ބޭފުޅަކު ކައުންސިލުން ވަކިކުރެއްވި ނިންމުން ވެސް ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ. އޭގެ ބަދަލުގައި އުމަރު ނަސީރާއި ސޮފްވާން ކައުންސިލަށް އައްޔަން ކުރި ނިންމުން ވެސް ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމްގައި ހުރި މައްސަލަތައް އިސްލާހު ކުރުމަށް އެމަނިކުފާނު އެކުލަވާލެއްވި މަޝްވަރާ މަޖިލީހުގެ މަސައްކަތްތައް ފެށުމަށް މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްވަރާ މަޖިލީހަށް މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ރުހުން ލިބިފައިވާ ކަމަށެވެ.
ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މައުމޫން ބާއްވާފައި ވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނިކޮށެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން ޖެހޭނެ ކަމަށެވެ. އެގޮތުން އެ ހުކުމާ އެއްގޮތަށް ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން މިރޭ ކައުންސިލް ބައްދަލުވުމެއް ބާއްވަން މިހާރު ވަނީ ނިންމާފަ އެވެ.
މިރޭ ބާއްވާ ބައްދަލުވުމުގައި ޕީޕީއެމުން "ވަކިކޮށްފައިވާ" ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ޖެންޑާ މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުން ވަކިކުރެއްވި އައިމިނަތު ނާދިރާއަށް ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށް ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ބާއްވާ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުންނާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށާއި ޕާޓީއަށް އަމީންއާންމެއް އައްޔަން ކުރުމާ ގުޅޭ ގޮތުން ކަމަށް ވެސް ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން މިއަދު ވަނީ ވިދާޅުވެފަ އެވެ.