16 Oct 2016, 17:46
އދ.(އޮކްޓޯބަރު 16): އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރި އެންޓޯނިޔޯ ގުޓޭރެސް އެންމެ ބޮަޑަށް އިސްކަން ދެއްވާނީ ދުނިޔޭގައި ސުލްހަ ގާއިމު ކުރުމަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގައި ހިމެނޭ 193 ގައުމުގެ އޮފިޝަލުންނާ ވާހަކަ ދައްކަވަމުން ގުޓޭރެސް ވިދާޅުވީ، ދުނިޔޭގެ ހަމަނުޖެހުން އުފެދިފައިވާ ސަރަހައްދުތަކުގައި ސުލްހަ ގާއިމު ކުރުމަށް އޭނާ ޕްރޮމޯޓު ކުރައްވާނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރާ ސިޔާސަތެއް ކަމަށެވެ.
އދ.ގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫންގެ ދައުރު ހަމަވާނީ މިއަހަރު ނިމެންވާ އިރަށެވެ. އަދި ގުޓޭރެސް މަގާމާ ހަވާލުވެވަޑައިގަންނަވާނީ ޖެނުއަރީ އެކެއްގައެވެ. އޭގެ ކުރިން، ހަމަނުޖެހުންތައް ހިނގަމުންދާ ސީރިއާއިން ފެށިގެން ދެކުނު ސޫދާން "އެއް މޭޒެއް ދޮށަށް ގެނެސް، ތެދުވެރި އެއްބަސްވުންތައް ހަދައި، އެއްބައިވަންތަކަމަށް މަސައްކަތް ކުރާ މީހަކަށް ވުމަށް" ތައްޔާރު ވާނެ ކަމަށް ގުޓޭރެސް ވިދާޅުވި އެވެ.
އެންޓޯނިޔޯ ގުޓޭރަސްއަކީ އިންސާނީ އެހީގެ ކަންތައްތަކާބެހޭ އދ.ގެ ހައިކޮމިޝަނަރުކަމުގެ މަގާމު އެތަށް އަހަރެއްވަންދެން ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އދ.ގެ މަގާމު އަދާކުރުމުގެ ކުރިން އޭނާވަނީ އޭނާގެ ގައުމު ކަމަށްވާ ޕޯޗްގަލްގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އާ ބޭފުޅަކު ހަމަޖެއްސުމަށް އިއުލާން ކުރުމުން އެމަގާމަށް 13 ބޭފުޅަކު (އެބޭފުޅުންގެ ގައުމުތަކުގެ ތާއީދާއެކު) ކުރިމަތި ލެއްވިއެވެ. މީގެތެރޭގައި ގިނައީ ގައުމުތަކުގެ ކުރީގެ ބޮޑުވަޒީރުންނާއި ޚާރިޖީ ވަޒީރުންނެވެ. މި 13 ބޭފުޅުންގެ ތެރޭގައި 7 އަންހެން ބޭފުޅުންވެސް ހިމެނިވަޑައިގެންނެވިއެވެ.
އެންޓޯނިޔޯ ގުޓޭރެސް އަކީ އދ.ގެ ަ ސެކްރެޓަރީ ޖެނެރަލް އެވެ. (އޭޕީ)