16 Oct 2016, 17:02
ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ހަބަރެއް ނުވެ ހަތަރު ދުވަސް ވުމުން، އެ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ.
ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ބުނީ، "ފުރުސަތު" ނަމަކަށް ކިޔާ އެ ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ މި މަހުގެ 12 ވީ ބުދަ ދުވަހުގެ ހެނދުނުގެ 10:00 ގައި ރ.އަތޮޅު ތެރެއިން ކަމަށެވެ.
ނަމަވެސް އެ ދޯނީގައި ތިބީ ކިތައް ފަޅުވެރިން ކަމާއި އެ ދޯންޏަކީ ކޮން ރަށެއްގެ ދޯންޏެއް ކަމެއް އަދި ސާފެއްނުވެ އެވެ.
އެ ދޯންޏަކީ ދިގުމިނުގައި 85 ފޫޓް ހުރި ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލަ އާއި ރީދޫ ކުލައިގެ ދެފަށް ދަމާފައިވާ ގެ ގަނޑެއް ލާފައިވާ ދޯންޏެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ވަނީ މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ވީ އެންމެ އަވަހަކަށް އެފަރާތަށް އެންގުމަށް އިލްތިމާސްކޮށްފަ އެވެ.