ނައިޕީޑޯ(އޮކްޓޯބަރު 16): މިޔަންމާގެ ރަހީން ސްޓޭޓުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ގައުމުގެ ފުލުުހުން ރޮހިންޔާ ދަރިކޮޅުގެ 10 މުސްލިމުން މަރާލައިފި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބަންގުލަދޭޝް އާއި މިޔަންމާއާ ގުޅޭ ބޯޑަރު ކައިރީގައިވާ މިޔަންމާގެ ފުލުހުންގެ ޕޯސްޓުތަކަކަށް ބަޔަކު ހަމަލާދީ ނުވަ ފުލުހަކު މަރާލުމާ ގުޅިގެން ރަހީން ސްޓޭޓުގައި ވަނީ ސަލާމަތީ ކަންތައްތައް އިތުރުކޮށްފަ އެވެ. މިޔަންމާގެ ފުލުހުން ބުނާ ގޮތުގައި އެ ހަމަލާތަކުގެ ފަހަތުގައި ވަނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނެވެ.

"މިޔަންމާގެ ސަރުކާރުން ވަނީ ވަރަށް ހަރުކަށި ފިޔަވަޅު އަޅަން ފަށާފަ. އަޅުގަނޑުމެން ދަނީ ގާނޫނާ ހިލާފަށް މީހުން މަރަމުންދާ ކަމަށް ބުނާ މައްސަލަތައް ބަލަމުން. މިޔަންމާގެ އަސްކަރިއްޔާއިން (ރަހީން ސްޓޭޓުގެ) ކުޑަ އަވަށްތަކަށް ގޮސް އެއަވަށްތަކުގެ ހުރިހާ ފިރިހެނުންނާ މެދު އަމަލު ކުރަމުން ދަނީ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ގޮތުގައި،" އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ ފޯޓިފައި ރައިޓްސްގެ ފަރާތުން މެތިއު ސްމިތް ވިދާޅުވި އެވެ.

ރަހީން ސްޓޭޓުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ން ވަނީ އެސްޓޭޓުގެ އަވަށްތަކުގައި ގާނޫނާ ހިލާފަށް ރޮހިންޔާ މުސްލިމުން މަރަމުންދާ ކަމާއި، އެމީހުންގެ ގެތައް އަންދަމުންދާ ކަމާއި، ގަވާއިދާ ހިލާފަށް މީހުން ހައްޔަރު ކުރަމުންދާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް ބުނެފަ އެވެ.

"އެސަރަހައްދު އޮތް ހާލަތުގެ ސަބަބުން ރޮހިންޔާ ދަރިކޮޅުގެ އެތައް ބަޔަކަށް ވަނީ ފިލަން މަޖުބޫރުވެފަ އަދި އެސަރަހައްދުގެ މަގުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ކާނާ އާއި ފެނާއި އެހެނިހެން ޒަރޫރީ ތަކެތި ހޯދަން ދަތިވެފަ،" އޯއައިސީން ނެރުނު ބަޔާނެއްގައިވެ އެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއް ވެފައިވާ ކަމަށް ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ބުނި ނަމަވެސް މިޔަންމާގެ އާބާދީގެ ބޮޑުބައެއް ރަމްޒުކޮށްދޭ ބުދިސްޓުން ދެކޭ ގޮތުގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ އެގައުމަށް އަރާ ތިބި ބަންގުލަދޭޝްގެ ބަޔެކެވެ. އަދި މިޔަންމާގެ ސަރުކާރުން ވަނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ރަށްވެހިކަން ދޭން ދެކޮޅު ހަދާފައެވެ. (އޭއެފްޕީ)